ކ. މާލެ
|
17 މާރޗް 2022 | ބުރާސްފަތި 09:42
ބްރެޒިލްގެ ރިއޯގައި ގިނަ އަދަދެއްގެ ޕްލާސްޓިކު
ބްރެޒިލްގެ ރިއޯގައި ގިނަ އަދަދެއްގެ ޕްލާސްޓިކު
ރޮއިޓާސް
ބްރެޒިލްގެ ތިމާވެށި ތަޣައްޔަރުވުން
ބްރެޒިލްގެ ރިއޯ ޕްލާސްޓިކުން ފުރިފައި
 
އަވަސް ފިޔަވަޅެއް ނާޅައިފިނަމަ ވަގުތު ފާއިތުވެދާނެ
 
ކަންބޮޑުވާން ޖެހޭ މިންވަރަށް އެ ސަރަހައްދު ވަނީ ތަޣައްޔަރުވެފައި
 
ރިއޯގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދިރުންތަކުން ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް ފެނިފައިވޭ

ޕްލާސްޓިކަކީ އެތައް ގޮތަކުން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެކެވެ. އަދި މިކަމުން ދެކެން ބޭނުން ނުވާ ވަރުގެ ހިތި ނަތީޖާއެއް ނެރުވާ އެއްޗެކެވެ. މުޅި ދުނިޔޭގެ ތިމާވެއްޓާއިމެދު ވިސްނައި ގިނަ ގައުމުތަކުން މިހާރު ވަނީ ޕްލާސްޓިކް ފޭސް އައުޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް އެއީ ނެތި ދިއުމަށް އެތައް ގަރުނެއް ނަގާ އެއްޗެއް ކަމުން ޕްލާސްޓިކް ނައްތާލުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ރާއްޖެއަށް ބަލައިލިކަމުގައިވިޔައް ރާއްޖެއިންވެސް ވަނީ ޕްލާސްޓިކް ފޭސް އައުޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް އަދިވެސް ކަނޑުތަކުންނާއި ފަޅުތަކުން ޕްލާސްޓިކް ފެނެއެވެ.

ބައެއް ގައުމުތަކުގެ ކަނޑުގެ ސަރަހައްދުގައި ޕްލާސްޓިކް ގިނަވެ، މި މައްސަލަ މިހާރު ވަނީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވެފައެވެ. މިގޮތަށް ކަނޑަށް ބޭރުވާ ޕްލާސްޓިކް ގިނަ ދުވަސްވުމުން ކުނޑިކުނޑިވެ މައިކްރޯޕްލާސްޓިކަށް ބަދަލުވެއެވެ. އަދި ކަނޑުގައި އުޅޭ ދިރުންތަކަށް އެ އެއްޗެހި ކެވެއެވެ. މިގޮތުން ބްރެޒިލްގެ މެރިން ބައިލޮޖިސްޓުންގެ ޓީމަކުން ވަނީ އެސަރަހައްދުގައި އުޅޭ ދިރުންތަކުގައި މައިކްރޯޕްލާސްޓިކް ހުރި މިންވަރު ބަލާފައެވެ. މި ބެލި ބެލުމުން އެ ސަރަހައްދުގެ ތިމާވެށި ހީކުރި ވަރަށްވުރެ ބޮޑަށް ތަޣައްޔަރުވެފައިވާކަން ވަނީ ދެނެގަނެވިފައެވެ. އެ ބައިލޮޖިސްޓުންގެ ޓީމުން ވަނީ ބްރެޒިލްގެ ސިޓީއެެއް ކަމަށްވާ ރިއޯ ސަރަހައްދުން މޫދަށް ފީނައި އެ ސަރަހައްދުގައި އުޅޭ ދިރުންތަކުން ސާމްޕަލް ނަގައި ޓެސްޓުކޮށްފައެވެ.

މިކަމުގައި ހަރަކާތްތެރިވި ރިއޯ ޑި ޖެނެއިރޯގެ ފެޑެރަލް ޔުނިވަރސިޓީގެ މެރިން ބައިލޮޖިސްޓެއް ކަމަށްވާ ރަކޭލް ނީވްސް ބުނެފައިވާ ގޮތުގައި މި ޓެސްޓުތައް ހެދި އިރުވެސް ކޮންމެވެސް ވަރަކަށް މައިކްރޯޕްލާސްޓިކް ފެންނާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އެހެނަމަވެސް އެހާ ގިނައިން މައިކްރޯޕްލާސްޓިކް ފެންނާނެ ކަމަށް ހީވެސް ނުކުރާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ތަޣައްޔަރު ނުވެ އޮތް ސަރަހައްދެއް ކަމަށްވާ ބްރެޒިލްގެ ކަގަރާސް އައިލެންޑުން ނެގި ހިޔަމައަކުންވެސް ޕްލާސްޓިކު ފެނިފައިވާކަމަށް ރިސަރޗަރުން ބުނެފައިވެއެވެ.

އެ ރިސަރޗަރުން ބުނި ގޮތުގައި މިއީ ވަރަށް ބޮޑަށް ގޯހުން ގޯހަށް ގޮސްފައިވާ ކަމެއް ކަމަށާއި، އެންމެންގެ ލޯތައް ހުޅުވުމަށް އެ ރިސަރޗަރުން ވަނީ އިންޒާރު ދީފައެވެ. އެމީހުން ބުނާ ގޮތުގައި މިކަން ހައްލު ކުރުމަށް އަދިވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށާއި، އެހެންނަމަވެސް ވަރަށް އަވަހަށް ވަގުތު ފާއިތުވެދާނެ ކަމަށް އެމީހުން ބުނެފައިވެއެވެ. މިހާރުވެސް ގައުމުތަކުން ޕްލާސްޓިކް މަދުކުރުމަށް އަމާޒުތައް ކަނޑައަޅާފައިވީނަމަވެސް މިއީ މިހާރުން މިހާރަށްވެސް ހައްލު ގެންނަންޖެހިފައިވާ މުހިންމު އަދި ބޮޑު މައްސަލައެކެވެ.

ކޮވިޑް-19 ޕެންޑަމިކުގެ ތެރޭގައި މުޅި ދުނިޔެއިންވެސް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ބޭނުންކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އިންޓަރނޭޝަނަލް ސޮލިޑް ވޭސްޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ. މި ދާއިރާގެ މާހިރުންނާއި، ސައިންޓިސްޓުންތަކެއް ގުޅިގެން 2020 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާފައިވާގޮތުގައި މޫދަށް އަޅާ ކުނީގެ އަދަދު ކޮންމެ އަހަރަކު 11 މިލިއަން ޓަނުން 29 މިލިއަން ޓަނަށް އިތުރުވާނެ ކަމަށް އެމީހުން އަންދާޒާކުރެއެވެ. އެހެންކަމުން 2040 ވަނަ އަހަރު އަންނަންވާއިރަށް 600 މިލިއަން ޓަނުގެ ކުނި ކަނޑުތަކުގައި ދައުރުވަމުންދާނެ ކަމަށް ލަފާކުރެވެއެވެ.

ޕްލާސްޓިކަކީ އޭގެ ޒާތުގައި އަމިއްލައަށް ނެތިދިއުމަށް އެތައް އަހަރެއް ނަގާ އެއްޗެކެވެ. އެހެންކަމުން ޕްލާސްޓިކް މަދުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުން ވަރަށް މުހިންމެވެ. އަމިއްލައަށްވެސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް