އިއްތިހާދަކީ ރާއްޖޭގެ ގާނޫނު އަސާސީ ދަންނަކަމެއް ނޫންކަމަށާއި އެއީ އެއްގޮތަކަށްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން ނަމުގައި ޓްވިޓަރ ގައި އާންމު ކުރެއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވީ އެހެން އެކަން އޮތްނަމަވެސް އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގެ ދަށުން އުފެދުނު ތިން ވެރިކަންވެސް ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ވަޒީރުންގެ މަޖިލީހަކުން ނޫންކަމަށެވެ. އެވެރިކަންތައް ހިނގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާއަށް ތާއީދުކުރާ ޕާޓީތަކެއްގެ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ވަޒީރުންގެ މަޖިލީހަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދު މެދުވެރިކޮށް ކާމިޔާބުކުރާ ރިޔާސީ އިންތިޚާބަށްފަހު އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކަނޑައެޅުމުގެ ޝަރުތުތަކެއް ގާނޫނު އަސާސީއަށް އިތުރުކުރުން ބޭނުންތެރިކަމަށެވެ.
އެޕާޓީއަކުން މަޖިލީހުގައި ތަމްސީލުވާ މިންވަރާއި އަދި ކައުންސިލްތަކުގައި ތަމްސީލުވާ މިންވަރު އެއީ ޕާޓީތަކަށް ތާއީދު އޮތް މިންވަރު އަންގުވައިދޭ ތަރާދުތަކެވެ. އެކުލަވާލެވޭ އިއްތިހާދު ސަރުކާރުގައި ވަޒީރުންނާއި އަދި އެހެނިހެން ސިޔާސީ މަގާމުތަކަށް މީހުން ކަނޑައެޅުމުގެ ހެޔޮ ގޮތަކީ އެ ޕާޓީއަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރެއްގެ މައްޗަށް ބިނާކޮށް ޕާޓީތަކަށް ޖާގަ ދިނުމެވެ.ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ހިންގުމަށް ހަވާލުވެތިބޭ ދައުލަތުގެ މުއައްޒަފުންނާއި ވެރިކަން ހިނގަންވީ ގޮތް ކަނޑައެޅުމަށް ތިބޭ ރައްޔިތުން އިންތިޚާބު ކުރާ ސިޔާސީ މީހުންނާއި ދެމެދު މަސްލަހަތުތައް ބެލެހެއްޓުމަށް ގާނޫނު އަސާސީ ވިސްނާފައިވާ ގޮތަކީ މިނިވަން މުއައްސަސާތައް އުފެއްދުންކަމަށެވެ. ބައެއް ތަންތަން ގާނޫނު އަސާސީގައި އޮތްއިރު އަނެއް ބައި ތަންތަން އާންމު ގާނޫނުން އެކުލަވާލެވޭ އެޖެންސީ، އޮތޯރިޓީ އަދި ބޯޑު ފަދަ ނަންނަމުގައި އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަމުގައި ހިނގަމުންދާކަމަށެވެ.
ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގެ ތެރޭގައި ގާނޫނު އަސާސީ ބަޔާންކުރާ މިނިވަން މުއައްސަސާތަކާއި ގާނޫނުތަކުން އުފައްދާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދާނެ ގޮތް ބަޔާންކުރުން ބޭނުންތެރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ސްޕްރީމް ކޯޓުގެ އަދަދު ކަނޑައަޅަނީ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން ކަމުން އެއަދަދަށް އަވަސް ބަދަލު ގެނެވޭކަމަށާއި ސްޕްރީމް ކޯޓުގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން ބުއްދިވެރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީން ކޮންމެ 5000 ރައްޔިތަކަށް އިންތިޚާބީ މެމްބަރަކު ކަނޑައެޅޭ ގޮތަށް އޮތުމުން ކޮންމެ 5 އަހަރަކުން ގޮނޑީގެ އަދަދު މަޖިލީހުގައި އިތުރުވަމުންދާތީ އެކަމަށްވެސް ހައްލެއް ގެނައުމަކީ ބޭނުންތެރިކަމެއްކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ބަޔާނެއް އާންމު ކުރައްވާފައިވާއިރު އެންމެފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް އެމަނިކުފާނު ވަނީ ގާނޫނު އަސާސީއަށް ގެންނަން ބޭނުންފުޅުވާ މިބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ.