ކ. މާލެ
|
17 މާރޗް 2022 | ބުރާސްފަތި 06:44
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ސުވާލުކުރެއްވުން
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ސުވާލުކުރެއްވުން
ރައްޔިތުންގެ މަޖިލިސް
ރ އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓް
ރ އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ، މަޝްވަރާތައް ދަނީ ކުރިޔަށް: އަސްލަމް
ސަރުކާރު ތެރޭގައި ޕޮލިސީ ލެވެލްގައި އެމަޝްވަރާތައް ކުރިޔަށްދާކަމަށް މިނިސްޓަރ ވިދާޅުވި
އެއަރޕޯޓްގެ މަސައްކަތް މިދައުރުގެ ތެރޭގައި ފެށުމަކީ އެކަށީގެންވާކަމެއް
ރ އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް އަޅާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައި

ރ އަތޮޅުގެ ދެކުނު ބިތުގައި އަޅާނެކަމަށް އިއުލާންކޮށްފައިވާ އެއަރޕޯޓް އަޅާނެތަނެއް އަދި ނުނިންމާކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ރ އަތޮޅުގެ ދެކުނުގައި އެއަރޕޯޓް އެޅުމަށް ރަށެއް ކަނޑައެޅޭނީ ކިހާ ތާރީޚެއްގައިތޯ އާއި މިމަސައްކަތް މިދައުރުގައި ފެށޭނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރ އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް އަޅަން އަދި ވަކި ތަނެއް ނިންމާފައިނުވާކަމަށެވެ. ނަމަވެސް ސަރުކާރު ތެރޭގައި ޕޮލިސީ ލެވެލްގައި އެމަޝްވަރާތައް ކުރިޔަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް މިދައުރުގެ ތެރޭގައި ފެށުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

އަދި ނުނިމޭ ވަކި ތަނެއް. އެހެންނަމަވެސް ރ އަތޮޅުގައި އެ ވިދާޅުވި ސަރަހައްދުގައި އެއަރޕޯޓެއް އަންނާނެ. ދެން އޮތީ، މިދައުރުގެ ތެރޭގައި އެކަންކޮށް ނިމޭނެތޯ، ނޫންތޯ؟ ދައުރުގައި ބާކީ އޮތީ، ދޮޅު އަހަރެއްހާ ދުވަސް ނޭންގެ އޮތް ކަމެއް. ދެން މަސައްކަތްކުރާނަން އިނގޭތޯ. އަޅުގަނޑަކަށް މާ ޔަގީންކަމާ އެކީ ދަންނަވާކަން ނޭންގޭ. މަސައްކަތް ފެއްޓުމަކީ އެކަށީގެންވާ ކަމެއް.
މުޙައްމަދު އަސްލަމް / މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ރ އިފުރުގައި މިހާރުވެސް އެއަރޕޯޓް ހިންގަމުން އަންނައިރު ރ. އަލިފުށީ ބިން ހިއްކުމުގެ މަސައްކަތާއި އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަލިފުށީގައި އެއަރޕޯޓް އެޅުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ނިންމައި، އެކަން އެމްޓީސީސީއާ ހަވާލުކުރުމާއި ގުޅިގެން އެއަތޮޅުގެ ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުގެ ދެކުނު ބިތުގެ ރަށްރަށުގެ ކައުންސިލްތަކުން ރައީސާ ބައްދަލުކުރައްވައި، ދެކުނު ބިތަށް އެއަރޕޯޓެއް މުހިންމުކަމުގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ.

އެދަތުރުފުޅުގައި ރައީސް ވަނީ ރ އަތޮޅުގެ ދެކުނު ބިތުގައިވެސް އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

ކްރޮސް-ސަބްސިޑީގެ ގޮތުގައި ރާއްޖޭގެ ހަ ރަށެއްގައި އެއަރޕޯޓް ތަރައްގީކުރާނެ، ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އޭގެތެރޭގައި ރ އަތޮޅުގެ ދެކުނު ބިތުގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްވެސް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ މިއެއަރޕޯޓްތައް އެޅުމަށް ޕްރޮޕޯޒަލްތަކެއް ލިބިފައިވާކަމަށާއި ނަމަވެސް އެގްރިމެންޓަކާ ހަމައަށް އާދެވޭ ވަރަށް ކަންކަން އަދި ނުދާކަމަށެވެ.

މިއަހަރު ތެރޭގައި ފަރެސްމާތޮޑާ އެއަރޕޯޓާއި މުލީ އެއަރޕޯޓް ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް