ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 18:28
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މިންތީގެ ހަމަހަމަކަން ގާއިމްކުރުން
އަންހެނުން ބާރުވެރިކުރުވުމަށް ޝާހިދު ކުރައްވާ މަސައްކަތަކީ މުޅި ދުނިޔެއަށް މިސާލެއް
 
އެމަނިކުފާނު ވަނީ އދ. ގެ ސެކެޓްރީ ޖެނެރަލް ކަމަށް އަންހެނަކު ހޮވުމަށް ގޮވާލައްވާފައި
 
ޕީޖީއޭ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ޖިންސުގެ ހަމަހަމަކަން ވަނީ ގާއިމްކުރައްވާފައި
 
ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށް ޝާހިދު ވަނީ އަޒުމް ކަނޑައަޅުއްވާފައި

ދިވެހިރާއްޖެއަކީ ކުޑަ ކުޑަ ގައުމެއް ކަމުގައިވީނަމަވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މިހާރު މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ސިޔާސަތެކެވެ. މުޅި ދުނިޔެއިންވެސް ރާއްޖެ ވަނީ ބަލައިގަނެފައެވެ. ރާއްޖެއަކީ މުޅި ދުނިޔެއިން ބަލައިގަނެފައިވާ ގައުމަކަށް ހެދުމަށް މި ސަރުކާރުން ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއްވެސް ވަނީ ހާސިލްކުރެވިފައެވެ. މިހާރު އދ.ގެ ގައުމުތަކުން ބައިވެރިވާ އދ. އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. މިއީ މުޅި ދުނިޔެއިންވެސް ރާއްޖެ ބަލައިގަނެފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމެކެވެ.

ދުނިޔޭގައި އަދިވެސް ހައްލުކުރަންޖެހޭ ވަރަށް ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. މިފަދަ އެތައް މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އދ. ގެ އާންމު މަޖިލީހުން ކުރަމުންދާއިރު، މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވުން އިތުރުކުރުމަށް އާންމު މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ވަކިން ޚާއްސަކޮށް މިނިސްޓަރ ޝާހިދު މި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. ގެ އާންމު މަޖިލީހުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވަން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު ވަނީ އާންމު މަޖިލީހުގެ ރައީސް ކަމުގެ ހުވާ ކުރެއްވިއިރު، ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތްކުރުމުގެ އަޒުމް ކަނޑައަޅުއްވާފައެވެ.

ޝާހިދު ވިދާޅުވިގޮތުގައި މި އަޒުމު ކަނޑައެޅުއްވީ، މިއީ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮތް މައްސަލައަކަށް ވުމުންނެވެ. މިއީ މިއަދު ލަދުގަންނަންޖެހޭ ކަމެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ އަޅުގަނޑުމެންގެ "ފެއިލިއަރ" ކަމުގައި ޝާހިދު ވިދާޅުވިއެވެ. މިކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނުގެ އަމާޒަކީ ހުރިހާ މަޝްވަރާތަކެއްގައާއި، އެކި އިވެންޓުތަކުގައި އަދި މަތީ ފަންތީގައި ހިނގާ ކަންކަމުގައި ޖިންސުގެ ހަމަހަމަކަން ގާއިމްކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި އަމާޒާއެކު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޝާހިދު ވަނީ ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އާންމު މަޖިލީހުގެ ޖެނެރަލް ޑިބޭޓުގެ ފުރަތަމަ ދުވަހުވެސް އެމަނިކުފާނު ވަނީ ދޭދޭ ގައުމުތަކުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައެވެ. އަދި މި ޑިބޭޓުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ލީޑަރުންނާ ބައްދަލުކުރައްވައި، އަންހެންނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުންނާއި، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމާއި، އަދި އޮންލައިންކޮށް އަންހެން ލީޑަރުންނަށް އަމާޒުކުރާ އަނިޔާ އަދި ދިމާކުރުންތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދިވެސް މިފަދައިން ބާރުގަދަ މަގާމުތަކުގައި ތިއްބެވި އަންހެން ލީޑަރުންނާ ޝާހިދު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. ޝާހިދު ގެންދަވަނީ މިފަދަަ ބައްދަލުވުންތަކުގައި ޖިންސުގެ ހަމަހަމަކަމާއި، އަދި ވަކި ޖިންސަކަށް ވީތީ ކުރިމަތިކުރުވާ އެކި ކަންކަން ބަލައިނުގަންނަވާނެކަމަށް ވިދާޅުވަމުންނެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ އޮން ޖެންޑަރ އީކުއަލިޓީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވާފައެވެ. ޖިންސުގެ ހަމަހަމަކަމާ ގުޅޭ އެޑްވައިޒަރީ ބޯޑެއް އެކުލަވާލައްވާފައިވާއިރު، 76 ވަނަ ޕީޖީއޭ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައިވެސް ޖިންސުގެ ހަމަހަމަކަން ވަނީ ގާއިމްކުރައްވާފައެވެ. މިއަދާ ހަމައަށް އައިއިރު އެ އޮފީހުގައި މަސައްކަތްކުރާ 53 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ. އަދި 47 އިންސައްތަ މުވައްޒަފުންނަކީ ފިރިހެނުންނެވެ. މިހާތަނަށް އައިއިރު އެމަނިކުފާނު ވަނީ މި ދާއިރާއިން ގިނަ ގުނަ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

މީގެ އިތުރުން އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ޝާހިދު ވަނީ މި ދާއިރާއަށް އަލިއަޅުއްވާލައްވައި ގިނަ ގުނަ ވާހަކަތަކެއް ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވާހަކަދެއްކެވީ އދ. ގެ ސެކެޓްރީ ޖެނެރަލް ކަމަށް އަންހެނަކު ހޮވުމަށް ގޮވާލައްވާ ބީދައިންނެވެ. އެމަނިކުފާނު ވިދާޅުވީ އދ.ގެ 76 އަހަރުވީ ދިގު ތާރީޚުގައި މިހާތަނަށް އަންހެނަކު ސެކްރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައި ނުވާކަމަށެވެ. އަދި އެކަން ދެން އަންނަ ދައުރަކު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑަޑް" ކަނޑައެޅުމުގެ ވާހަކަ އދ. އިން ދައްކާއިރު، އެކަމުގެ މިސާލުވެސް އދ. އިން ދައްކަންޖެހޭ ކަމަށެވެ. އަދި ދެން އަންނަ ދައުރަކު އަންހެން ސެކެޓްރީ ޖެނެރަލްއެއް އައްޔަންކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަމަގައިމުވެސް ކަމެއް ރަނގަޅުކުރެވޭނީ އެންމެ މަތީ ފަންތީން ފެށިގެން އެކަމެއް ރަނގަޅު ކުރަން މަސައްކަތްކޮށްގެންނެވެ. އދ. ގެ އާންމު މަޖިލީހުގައި ޝާހިދު އެ ދައްކަވާ މިސާލަކީ މި މައްސަލަ ހައްލުކުރުމަށް އެޅިގެންދާނެ ވަރަށް ރަނގަޅު ފާލަކަށް ވާނެއެވެ. އަންހެނުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ވުމަށް މަގުފަހިވެގެންދާނެއެވެ. އަންހެނުންނަށް ކަންކަމުން ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޑިޕްލޮމެސީއެއް، އަޚްލާގެއް ނެތް ވެރިންތަކެއްގެ ސަބަބުން އަގު ވެއްޓުނީ ގައުމުގެ، ހުރިހާ ގެއްލުމެއް ދިވެހީންނަށް!
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި
ފިތުނައިގެ ވާހަކަ ދައްކާ، ފިތުން ފެތުރުން ނޫން އެއްވެސް ކަމެއް އިދިކޮޅުން ނުކުރޭ: ޝާހިދު
ސިޔާދަތާއި ގުޅޭގޮތުން އިދިކޮޅުން ދައްކާ ވާހަކަ ޝާހިދު ސިފަކުރެއްވީ "ފިތުނަ ދޮލަނގެއް" ގެ ގޮތުގައި
މުޞްޙަފް އެންދުމާއި ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން - ސަރުކާރު
ވިސާގެ އެއްބަސްވުމަކާއެކު، ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތަކެއް
ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި
ގުޅުން ގާއިމުކުރަން ބޭނުންވާ ހުރިހާ ގައުމަކާއެކު ގުޅުން ގާއިމުކުރުމަކީ އަމާޒެއް: މިނިސްޓަރު ޝާހިދު