ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 18:38
1972 ވަނަ އަހަރު ކުއީން އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު
1972 ވަނަ އަހަރު ކުއީން އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު
ކުއީން އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު
ތާރީޚުގެ ތެރެއިން: އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ބައިގަރުނު
 
މިއީ އޭޝިޔާ ސަރަހައްދުގެ އިރުދެކުނުގެ ގައުމުތަކަށް ކުރެއްވި އެއް މަސްދުވަހުގެ ދިގު ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއް
 
ރާނީ އެލިޒަބަތަށް އެދުވަސްވަރު ރާއްޖޭގައި ކިޔައި އުޅެނީ ޖަލާލަތުލް މަލިކާ
 
އެކަމަނާއަކީ ރާއްޖޭގެ ފަތުރުވެރިކަން ފެށުނުފަހުން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ރާނީ

އުމުރުފުޅުން 95 އަހަރު ވެފައިވާ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައާ ދިވެހިރާއްޖެއާ އޮންނަނީ ވަރަށް ތާރީޚީ ގުޅުމެކެވެ. މިގޮތުން އެއްޒަމާނެއްގައި އެކަމަނާއަކީ ދިވެހިރާއްޖޭގެވެސް ރަނިކަމަނާއެވެ. މިކަން މިހެން ވީ ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އެތައް ކަމެއްގައި އެކަމަނާގެ ހިއްސާ އޮތުމުންނެވެ. މީގެ ތެރެއިން މިއަދު އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ ކަމެކެވެ. 1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ފަށައިގެންފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަތްފަހުން ރާއްޖެ ވަޑައިގެންނެވި އެންމެ ފުރަތަމަ ރާނީއަކީ އެއީއެވެ.

ރާނީ އެލިޒަބަތު 2 އަދި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ރާއްޖެ ވަޑައިގެންނެވީ 1972 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހުއެވެ. އެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ "ދަ ރޯޔަލް ޔޮޓް ބްރިޓޭނިއާ"ގައެވެ. އެކަމަނާ ރާއްޖެ ވަޑައިގެންފައިވަނީ އޭޝިޔާ ސަރަހައްދުގެ އިރުދެކުނުގެ ގައުމުތަކަށް ކުރެއްވި އެއް މަސްދުވަހުގެ ދިގު ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އެކަމަނާ ވަނީ މެލޭޝިޔާ އަދި ސިންގަޕޫރަށް ވަޑައިގެންނެވުމަށެވެ.

ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ދަތުރުުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރެއްވުމާއި، އޭރުގެ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައި، އަމީނިއްޔާ ސްކޫލަށް ޒިޔާރަތްކުރައްވާފައިވެއެވެ. އެހެންކަމުން އެކަމަނާ 1972 ވަނަ އަހަރު ކުރެއްވި މި ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. މި ދަތުރުފުޅަށް 50 އަހަރު ފުރިފައިވާއިރު، މިއަހަރު ރާއްޖެއިން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުވެސް ފާހަގަކުރަމުންނެވެ. މިއަހަރުގެ ޚާއްސަކަން ކުރިއަށްވުރެ މިހާރު މިވަނީ މާބޮޑަށްވެސް އިތުރުވެފައެވެ.

އެލިޒަބަތުގެ ރަނިކަން ފެށުނީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް, 6 ފެބްރުއަރީ 1952ގައި އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތުގެ ދައުރު ފެށުނުއިރު ދިވެހިރާއްޖޭގައި އަދި ފުރަތަމަ ޖުމްހޫރިއްޔާ ވެސް އިއުލާނެއް ނުކުރެއެވެ. ރާއްޖޭގެ ވެރިކަމުގެ ލަގަން އޮތީ ބޮޑުވަޒީރު މުހައްމަދު އަމީނުގެ އަތްޕުޅުގައެވެ. މުހައްމަދު އަމީނުގެ އިސްނެންގެވުމުގެ މަތިން ރާނީގެ ދައުރު ފެށުން ފާހަގަކުރުމަށް މާލޭގައި ހުންނަ ނާދީ ތަމައްދުންގައި ރަސްމީ ޖަލްސާއެއްވެސް, 17 ފެބްރުއަރީ 1952ގައި ބޭއްވުނެވެ. އެޖަލްސާއަށްވެސް މިއަހަރު 70 އަހަރު ފުރުނީއެވެ.

ކޮންމެއަކަސް އެތަނުގައި ޖަލްސާއެއް ބާއްވައި ރާނީ އެލިޒަބަތަށް ނަސްރާއި ނަސީބަށް އެދި, އުމުރު ދަންމަވައި މަތިވެރި ކުރެއްވުމަށް އެދުން އޮތެވެ. ރާނީ އެލިޒަބަތަށް އެދުވަސްވަރު ރާއްޖޭގައި ކިޔައި އުޅެނީ ޖަލާލަތުލް މަލިކާ އެވެ. މުހައްމަދު އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔާއަށްފަހު ރާއްޖޭގައި އަލުން ރަސްކަމެއް ގާއިމުކޮށް އެރަސްކަމުގެ ފަހު އަހަރުތަކުގައި ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުމުން, ރަސްކަމުގައި ހުންނެވި މުހައްމަދު ފަރީދުގެ ލަގަބު ވެސް ބަދަލުވީ ޖަލާލަތުލް މަލިކު މުހައްމަދު ފަރީދަށެވެ. ކުރީގައި އެއީ ސުލްތާން މުހައްމަދު ފަރީދެވެ.

ދިވެހިރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު 1954ގައި އިނގިރޭސި ރާނީގެ އަރިހުގައި - ސޯޝަލް މީޑިއާ

ރާނީ އެލިޒަބަތާއި ދިވެހިންގެ ގުޅުން އެޒަމާނުގައި ބޮޑުކަމުގެ އަނެއް ރަމްޒަކީ އެކަމަނާއަށް ރާއްޖެއިން ރަސްމީކޮށް އަރުވާފައިވާ ލަގަބުގެ މަތިވެރިކަމެވެ. ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ނާސިރުގެ ރައީސްކަމުގެ ދައުރުގައި ރާނީ އެލިޒަބަތު ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ވަނީ ރާނީއަށް ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު އަރުވާފައެވެ. އެއީ ދޭސީއަކަސް ބިދޭސީއަކަސް ދިވެހި ދައުލަތުން މީހަކަށް ދޭ އެންމެ މަތީ ޝަރަފެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕަށް އެރުވީ ނިޝާން އިއްޒުއްދީނުގެ ޝަރަފެވެ.

ރާނީ އެލިޒަބަތުގެ އުމުރު ދަންމަވައި ނަސްރާއި ނަސީބު މިންވަރު ކުރެއްވުމަށް އެދި ދިވެހި ދައުލަތުން 1952ގެ ފެބްރުއަރީގައި ދުއާކޮށްފައިވާއިރު, އޭގެ 70 އަހަރު ފަހުން ރާނީ އެލިޒަބަތު ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ މުޅި ތާރީޚުގައި ވެސް އެންމެ ގިނަދުވަހު ތަޚުތުގައި ރެނދަލިކުރެއްވި ވެރިޔާ ކަމުގައެވެ. ދުނިޔޭގެ އެހެން ގައުމެއްގައި ވެސް ރާނީ އެލިޒަބަތަށްވުރެ ތަޚުތުގައި ގިނަދުވަސްވީ ރަސްކަލެއްވެސް ރަންޏެއްވެސް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
14%
29%
14%
0%
0%
43%
ކޮމެންޓް