އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީން އަތުން އަމިއްލަ ދަނޑުގައި 0-2 ގެ ނަތިޖާއިން ރާއްޖެ ބަލިވި މެޗަށްވުރެ މިހާރު ކުޅުންތެރިން ފިޓްވެފައިވާ ކަމަށާއި، އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ ރަހްމަތްތެރިކަމުގެ މެޗުވެސް މުހިންމުކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.
އަފްޣާނިސްތާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ދުބާއީއަށް ގައުމީ ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޓެވާޓް ބުނީ ބޫޓާނާ ދެކޮޅަށް ކުޅޭ ކޮލިފައިންގ މެޗުގެ ކުރިން އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުން ޓީމަށް ފައިދާތަކެއް ލިބޭނެ ކަމަށާއި، އެގޮތުން މި ފުރުސަތުގެ ބޭނުންތައް ރަނގަޅުގޮތުގައި ހިފާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސްޓެވާޓް ބުނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު، އޭއެފްސީ ކަޕްގައި ކުޅުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ގައުމީ ޓީމުގެ 8 ކުޅުންތެރިން ދަތުރުކުރުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ މާޒިޔާ ކުޅުންތެރިން މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އަކުރަމް އަބްދުލް ޣަނީއަށް ތައުރީފް ކުރަމުން ސްޓެވާޓް ބުނީ ފަލަސްތީން މެޗަށްފަހު އޭނާގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އެ މެޗަށްފަހު މާލޭ ލީގުގައި ހުރިހާ މެޗެއް ކަހަލަގޮތަކަށް އޭނާ ކުޅެފައިވާކަމަށެވެ. މީގެއިތުރުން އަކުރަމް އަކީ އެއްކޮށް މަސައްކަތްކުރަންވެސް ފަސޭހަ ކުޅުންތެރިއެއްކަމަށް އޭނާ ވަނީ ބުނެފައެވެ.
ސްކޮޑަށް އަލަށް ނެގި އަހުމަދު ރަޝީދާ ބެހޭގޮތުން ސްޓެވާޓް ބުނީ އޭނާ އަކީ ވެސް ރަނގަޅު ފޯވާޑެއް ކަމަށާއި، ލަނޑު ޖެހުމަށް ޕެނަލްޓީ ބޮކްސް ތެރެއަށްވަދެ އަބަދުވެސް ލަނޑު ޖެހުމަށް އަހުމަދު ރަޝީދު މަސައްކަތްކުރާ ކަމަށެވެ.
މީގެއިތުރުން ސްޓެވާޓް ބުނީ ސްކޮޑަށް ކުޅުންތެރިން ނަގަނީ ކޯޗިން ސްޓާފާ މަޝްވަރާކުރުމަށްފަހު ކަމަށާއި، ކުޅުންތެރިން ނަގާއިރު ވަރަށް ގިނަ ގޮތްގޮތަށް ބަލާކަމަށެވެ. އެގޮތުން އޭނާ ބުނީ ސްކޮޑަށް ނަގާފައި ތިބި 23 ކުޅުންތެރިންނަކީ މެޗުތަކުގައި ރަނގަޅު ކުޅުން ދައްކާފައި ތިބި ކުޅުންތެރިން ކަމަށެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ބޫޓާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ކުޅޭ ރަހްމަތްތެރިކަމުގެ މެޗަށްފަހު ދެން އެޓީމު ފުރާނީ ތައިލޭންޑްގެ ބެންގކޮކަށެވެ. އެގޮތުން ބެންގކޮކުގައި ހަދާ ތަމްރީންތަކަށްފަހު ރާއްޖެއަށް ނައިސް، ދެން ގައުމީ ޓީމު އެނބުރި ދާނީ ބޫޓާނަށް ކަމަށް އެފްއޭއެމް އިން ބުނެއެވެ. ރާއްޖެ ބޫޓާނާ ދެކޮޅަށް ކޮލިފައިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 12 ގައެވެ.