ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 14:39
އިންޑިއާގައި އޮންނަ އޯޓީއެމް ފެއަރގައި ބައިވެރިވުމަށާއި، އޭގެ ހަވާސާގައި ރާއްޖެ އިސްތިހާރު ކުރުމަށް ބާއްވާ ފޯރަމަށް ޓުއަރިޒަމް މިނިސްޓަރު ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާއި ވާހަކަދައްކަވަނީ
އިންޑިއާގައި އޮންނަ އޯޓީއެމް ފެއަރގައި ބައިވެރިވުމަށާއި، އޭގެ ހަވާސާގައި ރާއްޖެ އިސްތިހާރު ކުރުމަށް ބާއްވާ ފޯރަމަށް ޓުއަރިޒަމް މިނިސްޓަރު ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާއި ވާހަކަދައްކަވަނީ
ހުސައިން ފަރިޔާޒް
އޯޓީއެމް ފެއަރ
އުތުރުގެ ފަތުރުވެރިކަން ތަރައްގީކޮށް ދަތުރުފަތުރު ފަހިކުރުމަށް އިންޑިއާގައި ފޯރަމެއް ބާއްވަނީ
ހަނިމާދޫ އިންޓަނެޝަނަލް އެއަރޕޯޓް ފުރިހަމަވެގެން އަންނައިރު، އެއަރޕޯޓާއި ގުޅޭގޮތުން އެސަރަޙައްދުގެ ޓޫރިސްޓް އެނދުގެ އަދަދު އިތުރުކުރުން ހިމެނޭ
އޯޓީއެމްގެ ހަވާސާގައި ބާއްވާ ފޯރަމުގައި މާލެއިން އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިވެންޓެއް ބޭއްވިގެންދާނެ

އުތުރުގެ ފަތުރުވެރިކަން، ވަކިން ހާއްސަކޮށް ހދ. އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވައި ދަތުރުފަތުރު ފަހިކުރުމަށް އިންޑިއާގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ މުމްބާއީގައި މިމަހުގެ 14 އިން 16 އަށް ކުރިއަށްދާ އައުޓްބައުންޑް ޓްރެވެލް މާޓް (އޯޓީއެމް) ގެ ހަވާސާގައި ކުރިއަށްގެންދާ މި ފޯރަމަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ޓޫރިޒަމް ސިނާއަތުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށް މަގުފަހި ކުރުމަށާއި، ދަތުރު ފަތުރު ފަހިކުރުމަށާއި، ޓޫރިޒަމް ތަރައްޤީ ކުރުމަށް ބާރުއެޅުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އަދި އެމްޓީޑީސީ ގުޅިގެން މިމަހު 15 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ޓޫރިޒަމްދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުމްބާއީގައި މިމަހުގެ 14 އިން 16 އަށް ކުރިއަށްދާ އައުޓްބައުންޑް ޓްރެވެލް މާޓް (އޯޓީއެމް) ގެ ހަވާސާގައި ކަމަށެވެ. މުމްބާއީގައި ބާއްވާ މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އިދާރާތަކާއި، ރާއްޖޭގެ އެއަލައިންތަކާއި، ޓޫރިޒަމް އިންޑަސްޓްރީގެ ޖަމުއިޔާތަކުގެ އިތުރުން އުތުރު ހދ. އަތޮޅު ކައުންސިލްގެ ދެ މެންބަރަކު ބައިވެރިވެއެވެ.

ފޯރަމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި ފޯރަމުގެ ތެރެއިން ގިނަ ކަންކަން ހާސިލް ކުރަން ބޭނުންވާ ކަމަށާއި، ހަނިމާދޫ އިންޓަނެޝަނަލް އެއަރޕޯޓް ފުރިހަމަވެގެން އަންނައިރު، އެއަރޕޯޓާއި ގުޅޭގޮތުން އެސަރަޙައްދުގެ ޓޫރިސްޓް އެނދުގެ އަދަދު އިތުރުކޮށް، ދަތުރުފަތުރުގެ ފުރުޞަތުތައް ފަހުކުރުމަކީ އެސަރަޙައްދުގެ ޓޫރިޒަމް ކުރިއެރުމަށް ވަރަށް މުޙިއްމު ކަމެއް ކަމަށެވެ. އެހެންކަމުން މި ފޯރަމުގެ ތެރެއިން އެކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޯޓީއެމްގެ ހަވާސާގައި ބާއްވާ ފޯރަމުގައި މާލެއިން އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިވެންޓެއް ބޭއްވިގެންދާނެ ކަމަށެވެ. އަދި މި ފޯރަމުގައި ފަތުތުރުވެރިކަމުގެ އިންޑަސްޓްރީގެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށާއި، އޭގެ ތެރޭގައި އެއާލައިންތަކާއި، ބޯޓިންގގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ހައްސާސް ދުވަސްކޮޅެއް ކަމަށާއި، ފަތުރުވެރިކަމުގެ މާކެޓްތަކުގެ ތެރެއިން މިދިޔަ އަހަރު އިންޑިއާއަކީ އެއްވަނައިގައި އޮތް މާކެޓް ކަމަށާއި، އެކަމަށް ވެސް އޯޓީއެމްގެ ތެރެއިން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ބާއްވާ މި ފޯރަމުން އެމްއެމްޕީއާރުސީން ފައިދާތަކެއް ހާސިލް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި މިވަގުތުވެސް އެމްއެމްޕީއާރުސީގެ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މިވަގުތުވެސް އިންޑިއާގައި އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށެވެ.

އޯޓީއެމް ނުވަތަ އައުޓްބަންޑް ޓްރެވަލް މާޓަކީ އިންޑިއާގައި ބޭއްވޭ އެންމެ ބޮޑު އެއް ފެއަރއެވެ. ދުނިޔޭގެ އެކި ހިސާބުންތަކުން 60 އަށްވުރެ ގިނަ ގައުމުތަކުން 1،300 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއެކު ބާއްވަމުން އަންނަ އޯޓީއެމް ފެއާގައި ރާއްޖެއިން ބޮޑަށް އިސްކަންދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި މަންޒިލުތަކުގެ ތެރެއިން އިންޑިއާގެ ފަތުރުވެރިން ޝައުގުވެރިވާނެ މަންޒިލުތައް ދައްކާލައި، އިންޑިއާ ފަތުރުވެރިން އައުން ގިނަކުރެވެން ހުރި ކަންކަމުގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް