ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 07:45
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ޕްރީ ޝޯގެ ތެރެއިން ހޯސްޓް ހަފްސީ އަބްދުﷲ (ކ) އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ (ވ)
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ޕްރީ ޝޯގެ ތެރެއިން ހޯސްޓް ހަފްސީ އަބްދުﷲ (ކ) އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ (ވ)
ރާއްޖެއެމްވީ
މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް
މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ ފައިދާ ދެގޮތަކުން ރާއްޖޭގެ ކުޅިވަރަށް ކުރާނެ - ޝިއުރީ
އެވޯޑް ހަފްލާގައި ޓީޓީގެ ކުރީގެ ތަރި ޒޯރޯން ބައިވެރިވާނެ

ދުނިޔޭގެ ޗެމްޕިއަނުންތަކެއް ބައިވެރިކޮށްގެން, މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބާއްވާ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ ފައިދާ ދެގޮތަކުން ރާއްޖޭގެ ކުޅިވަރަށް ކުރާނެކަމަށް ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ފެށި މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ ކައުންޓްޑައުން ޝޯވގައި ވާހަކަދައްކަވަމުން ޝިއުރީ ވިދާޅުވީ އެވޯޑް ހަފްލާ މިހާރު ރާވާފައިވާ ގޮތުން ރާއްޖޭގެ ކުޅިވަރަށް ދެގޮތަކުން ހެޔޮ އަސަރު ކުރާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެއީ ކުޅިވަރުގައި ދުނިޔޭގެ ޗެމްޕިއަނުންތަކެއް ބައިވެރިކުރުމުން ކުރާނެ ހެޔޮ އަސަރުކަން ފާހަގަކުރައްވަމުން ޝިއުރީ ވިދާޅުވީ ކުޅުންތެރިން އައިޑޮލްއެއްގެ ގޮތުގައި ދެކޭ ބަޔަކު ރާއްޖެ އައިސް ބައްދަލުވުމަކީ ކުރިއަށްދާން ހިތްވަރެއްކަމަށެވެ. އަދި މިހާރުގެ ކުޅުންތެރިންނަށް އެފަދަ ޗެމްޕިއަނުންތަކަކާއި ބައްދަލުވުންވެސް ވާނީ ކުޅިވަރު ތަރައްޤީކުރަން ލިބޭ ފުރުޞަތަކަށް ކަމަށެވެ.

މީގެއިތުރުން ދުނިޔޭގެ ކުޅިވަރުގެ ލެޖެންޑުންތަކަކާއި ބައްދަލުވެ އެސޯސިއޭޝަންތަކަށް ގުޅުން ބަދަހިކުރަން ލިބޭ ފުރުޞަތަކީވެސް ކުރިމަގަށް ފައިދާތަކެއް ކުރާނެކަމެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

ދެން އަނެއްކޮޅުން މިކަހަލަ ކުޅުންތެރިންނާއި ޕާސަނަލީ މެނޭޖްމަންޓާއި ދިމާވުމަކީވެސް ތަންކޮޅެއް ކްލޯސް ރިލޭޝަންޝިޕެއް ބިލްޑުވެގެންދާނެކަމަށް. އެހެންވެއްޖިއްޔާ އެރިލޭޝަން މެދުވެރިކޮށް ކުރިއަށް އޮތް ތާނަގައި އިތުރަށް މިކުޅިވަރުތައް ޑިވެލޮޕްވުމުގެ ފުރުޞަތު ހަމަ ފަހިވެގެންދާނެ.
އިބްރާހިމް ޝިއުރީ

މިސާލެއްގެ ގޮތުން ޝިއުރީ ފާހަގަކުރެއްވީ ރެއާލްމެޑްރިޑާއި ސްޕެއިންގެ ތަރި ސަލްގާޑޯއާ ރާއްޖެއާއެކު ގާތުން ކުރަމުންދާ މަސައްކަތްތަކެވެ. އެމަސައްކަތްތައް ކުރެވެނީ އެފަދަ ގުޅުމެއް އޮތުމުންކަން ޝިއުރީ ފާހަގަކުރެއްވިއެވެ. މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް ހަފްލާގައި ޓީޓީގެ ދުނިޔޭގެ ލެޖެންޑެއް ބައިވެރިވެއެވެ. މިހަފްލާގައި ބައިވެރިވާ ކްރޮއޭޝިޔާގެ ޒޯރޯންއަކީ ޝިއުރީގެ ކުޅުމުގެ ކެރިއަރުގެ ތެރޭގައި ބައްދަލުވި އޭރުގެ ވަރަށް މޮޅު ކުޅުންތެރިއެކެވެ. އަދި އެއީ ޝިއުރީގެ ސަޕޯޓަރެކެވެ. އެވޯޑް ހަފްލާއަށް ޒޯރޯން ރާއްޖެ އަންނަ އައުމަކީ ގުޅުން އިތުރަށް ބަދަހިކޮށް, ޒޯރޯން މެދުވެރިކޮށް އިތުރު ފުރުޞަތުތައް ހޯދަން ލިބޭ ފުރުޞަތެއްކަމެއް ޝިއުރީ ދެކިވަޑައިގަންނަވައެވެ.

- ކޮމެންޓް