ކ. މާލެ
|
12 މާރޗް 2022 | ހޮނިހިރު 11:26
ޖަލު ހުކުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރައްވަމުން
ޖަލު ހުކުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރައްވަމުން
ރާއްޖެއެމްވީ
އިންޑިއާ އައުޓް ހަރަކާތް
އިންޑިއާ ސިފައިން ބަރު ހަތިޔާރާއެކު ހަރަކާތްތެރިވާތީއޭ.. ނަނާ ހުވަފެން ދުށީމޭ..
އިންޑިއާ ޚާރިޖިއްޔާވެސް ރާއްޖޭން ބޭރުކުރަންޖެހޭކަމަށް ޔާމީން ވިދާޅުވޭ
ރައީސް ޔާމީން ވިދާޅުވަނީ އިންޑިއާގެ ޖާސޫސީ މީހުން ހަތިޔާރާއެކު ރާއްޖޭގައި އެބައުޅޭކަމަށް
ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތް ފުޅާ ކުރައްވަމުން

ރައީސް ޔާމީންގެ ދިގު ވެރިކަމުގައި އެމަނިކުފާނު އިންޑިޔާއާ ގުޅޭގޮތުން ނުދައްކަވާ ގިނަ ވާހަކަތަކެއް ފަހަކަށް އައިސް އެމަނިކުފާނު ގެންދަވަނީ ދައްކަވަމުންނެވެ. ނަމަވެސް އިންޑިއާ ސިފައިންނޭ ވިދާޅުވެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ގިނަ މީހުންނަށް ސިފަވަނީ ނަނާ ހުވަފެނަކާއެވެ.

ރައީސް ޔާމީނަށް ފެނިވަޑައިގެންނެވި ނަނާހުވަފެން އަހަރެންނަށް ސިފަވަނީ މިހެންނެވެ. ބާރަކަށް މީހަކުގެ ނުމެލައި، އާރަކަށް މާމުއި ފެތޭހެން، ބާރަކަށް ސަރުކާރުގެ ނުމެލާ، ރަށްރަށަށް އިންޑިއާ ސިފައިން ބާލަމުންދާކަމަށެވެ.

ޅަފިސާރި މަގޭ މިތުރާ، މަފިސާރި ތެދެއް ބުނަންތާއޭ ވިދާޅުވެ ރައީސް ޔާމީން ވިދާޅުވަނީ, އަފިލާ ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލާ ދުވާ ވާހަކައެއް ނޫނެވެ. ވިދާޅުވަނީ ރަށްރަށުގެ ތެރެއަށް އިންޑިއާ ސިފައިން އަރައި ހަތިޔާރާއެކު ދުވާވާހަކައެވެ. ތަމްރީނުތައް ހިންގާ ވާހަކައެވެ. ރާއްޖޭގެ ހުރިހާ ކަމެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ވާހަކައެވެ.

ޅެމުގައި އޮންނަނީ މިލަކުން މަގޭ މިތުރާ، ފިލުވައި ޅެންބަހުން ބުނަންހޭ، ކިލަނބުނަގާ މަތިންދޮރު، ބިލަކަޅު ކަނޑުމަސް ފުމޭތީ ފެންނަ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ފެނިވަޑައިގަންވަނީ ކަޅުބިލަމަހެއް ނޫނެވެ. އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ދޮރުމަތިންވެސް، ކަނޑުމަތިންވެސް، ފަޅު ތެރެއިންވެސް އިންޑިއާ ސިފައިންނެވެ. ބައެއް ފަހަރު ބަޑި ހިފައިގެންނެވެ. އަނެއް ބައި ފަހަރު އެމީހުންގެ މަނަވަރުތަކުގައެވެ.

ނާނާ ތެދެކޭ ކަތުންނޭ، ވާނާދި ނުވާ ވަރެއްހޭ ބަޔާންކޮށް ޅެމުގައި ބުނަނީ އާނުގެ އަޑިން ދިރޭރަހަ، ބާނިލާ ކެކިގެން އަރާތީ ފެންނަ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވަނީ އުތުރުތިލަފަޅުގައި އިންޑިއާގެ އަސްކަރިއްޔާއިން އޮޕަރޭޝަންތައް ހިންގާ މަންޒަރާއި، ސަރުކާރުގެ އަޑިން އަޅުވެތިކަމުގެ ރަހަ ބާނިލައި ކެކިގެން ދިވެހިންގެ އަރުތަކުގައި ލެވިގެންދާ މަންޒަރެވެ.

ރޯދީނޭ އައްސަވާށޭ، ތޯނުވާ މީ ބަހެކޭ ބުނެ ޅެންވެރިޔާ ބުނަނީ ގޯތިތެރެއިން ޖަވާހިރު، ކޯދުލައި ފުރިގެން އަރާތީ ފެންނަ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ގޯތި ތެރެއިންވެސް ފެނިވަޑައިގަންނަވަނީ އިންޑިއާ ސަފީރެވެ. އޭރު ސަފީރު އުޅުއްވަނީ 1 ފެބްރުއަރީ އަމުރު ނެރެއްވުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތުގައެވެ.

އަސްތާ ތެދެކޭ ކަތުންނޭ، ގަސްތުން އިނދެފާ ބުނަންހޭ، އަސްތާ އަޅުގަނޑު ދުށީމޭ، ރަސްރުކަކު ދަނބު އެތް ފޮޅޭތީއޭ ޅެންވެރިޔާ ބުނެއެވެ. ރައީސް ޔާމީން ވިދާޅުވަނީ އެހެނެއް ނޫނެވެ. ވިދާޅުވަނީ އަސްތާ ތެދެކޭ ކަތުންނޭ، ގަސްތުން އިނދެފާ ބުނަންހޭ، އަސްތާ އަޅުގަނޑު ދުށީމޭ، އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ވެރިކަން ކުރާތީއޭއެވެ.

ދަތިނުވެ ނިދުމަށް މަ އޮއްވާ، ލަތިދީ މިތުރާ މަގޭގާ، ހަތިޔާރެއް ނެތި ދެފައިގައި، ގަތިމި އޮޅިފައި ނަންނުދާތީއޭ ޅެންވެރިޔާ ބުނެއެވެ. ޅެންވެރިޔާއަށް ހަތިޔާރެއް ނުފެންނަކަމަށް ޅެމުގައި ބުނި ނަމަވެސް ރައީސް ޔާމީނަށް ވެވަޑައިގެންނެވީ އެހެނެއް ނޫނެވެ. ރައީސް ޔާމީނަށް ހަތިޔާރު ނޫން އެއްޗެއް ނުވެސް ފެނިލައްވަނީއެވެ. އަވަހާރަފުޅުލެއްޕެވިޔަސް ފެނިވަޑައިގަންނަވަނީ ދެންމެ ދެންމެ އިންޑިއާއިން ރާއްޖެ ހިފަން އުޅޭކަހަލަ މަންޒަރުތަކެވެ. އެންމެ ފަހުން މަހިބަދޫގައި ދެއްކެވި ވާހަކަފުޅަށް ބަލާއިރުވެސް، އިންޑިއާގެ ބަރުހަތިޔާރު ރާއްޖޭގައި ހުންނަ ވާހަކައާއި، އިންޑިއާގެ ޚާރިޖިއްޔާގެ ގުނަވަންތައްވެސް ރާއްޖެއިން ބޭރުވާންޖެހޭ ވާހަކަ ވަނީ ދައްކަވާފައެވެ.

ތަފާތެއްނުވެ ހުރެފައި، ބަފާގާތުގައި ބުނަންތާ ލަފާކަމަކަށް ވެދާނޭހޭ؟ ހަފަށް މާރިނދަ ގޮވާތީއޭ ބުނެ ޅެންވެރިޔާ ބުނަނީ ބަފާ ގާތުގައެވެ. ރައީސް ޔާމީނު އިންޑިއާ އައުޓް ހަރަކާތް ހިންގަވަމުން އެ ދައްކަވަމުން ގެންދަވާ ދެކޮޅު ނުޖެހޭ ވާހަކަތައް ކޮންމެ ޕޯޑިއަމެއްގައިވެސް ގެންދަވަނީ ދައްކަވަމުންނެވެ. ޖަލު ހުކުމުން މިނިވަންވެވަޑައިގެން ފަހުން މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ކެމްޕޭން ފުޅާ ކުރައްވައި، އިންޑިއާގެ ބާރާއި ނުފޫޒާއި، ރާއްޖޭގެ ބަލިކަށިކަމުގެ ވާހަކަ ގެންދަވަނީ ދައްކަވަމުންނެވެ.

މިހެންގޮސް ރައީސް ޔާމީނުގެ ނަނާހުވަފެނަކަށް ނިމުމެއް ނެތެވެ. ޅެންވެރިޔާއަށް ފެނުނު މަންޒަރުތަކާއި ރައީސް ޔާމީނަށް ފެނިލެއްވި މަންޒަރުތަކުގައި އެއްގޮތް އެއްކަމެއް އެބައޮތެވެ. އެއީ ދެހާލަތުގައިވެސް ފެނުނީ ނަނާ ހުވަފެނެއްކަމެވެ. ގިނައީ ވުމަށްވުރެ ނުވުން ނާދިރު ކަންކަން ކަމެވެ. ހުވަފެނަކީ ބިލާހެއްކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް