ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 18:55
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އަލުން ކިޔާށެވެ. ހާއިން ހިލޭ، ގާފުން ގޯތި
 
ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެކަމަށް ވިދާޅުވެފައިވޭ
 
ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވޭ

ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުނު ދުވަހެވެ. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން, ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި, ގައުމުގެ ހާލަތު ބަޔާންކޮށްދެއްވައި، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި, ގައުމުގެ ތަރައްގީއާއި, ހަމަޖެހުމާއި، އިގުތިސާދާއި, ވަކިން ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ވާހަކަ ގެނެވިފައިވެއެވެ. އެތައް ހާސް ބަޔަކު ބެލި މި ޖަލްސާ އިދިކޮޅުން ވެސް އަދި އެއްކޮޅުން ވެސް ބެލިއެވެ. އަދި އެކަމަށް ފާޑުވެސްކިއެވެ.

ރައީސް ވިދާޅުވީ, ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެބޮޑު ކަންތައް ކަމަށެވެ. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން, ޖުމްލަ 2180 ގެދޮރުގެ މަސައްކަތް، އެކި މަރުހަލާގައި ކުރިއަށް އެބަ ދާކަމަށެވެ. ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާކަމަށެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ދެން ދެއްކެވި ވާހަކަފުޅަކީ ފަހުގެ ތާރީޚެއްގައި މާލޭގެ ރައްޔިތުންނަށްޓަކައި ގައުމެއްގެ ވެރިޔަކު ދެއްކެވި އެންމެ އުފާވެރި ވާހަކަފުޅަށް ވެސް ވެދާނެއެވެ. ރައީސް ވިދާޅުވީ, ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު ވަނީ އޭގެ ނިހާޔަތުގައި ކަމަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށްވުރެ ގިނަ ވާހަކަ ދެއްކެވޭކަމުގެ އިހުސާސް އަބަދުވެސް ކުރެއްވޭކަމަށެވެ.

ދެން ރައީސް އިއުލާން ކުރެއްވީ ގޯތީގެ ވާހަކައެވެ. މިހާތަނަށް އެއްވެސް ވެރިޔަކު މި ފަހުގެ ތާރީޚެއްގައި ނުކުރައްވާ ކަމެއްގެ ވާހަކަފުޅެވެ. ވިދާޅުވިއެވެ. މިދިޔަ އަހަރު މަޖިލީހުގައި ހުންނަވާ ދެންނެވި 5000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ކަމަށެވެ. އަދި އަދި އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެކަމަށެވެ.

އަދި މީގެއިތުރުން، މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އެމަނިކުފާނު ނިންމަވައިފި ކަމަށް ރައީސް ވިދާޅުވިއެވެ. ވިއްކަވާ ވާހަކައެއް ނުދައްކަވައެވެ. ވިދާޅުވީ ގޯތި "ދެއްވާނެ" ކަމަށެވެ. އެގޮތުން، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދެއްވާނެ ކަމަށެވެ. "ވިއްކަވާނެ" ކަމަކަށް ވިދާޅެއްނުވެއެވެ. އަދި މި މަސައްކަތް މި އަހަރު ޖޫންމަހު ފައްޓަވާނެކަމަށާއި، އޭގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަނެއްކާ ވެސް "ދެއްވާ" ވާހަކަ ތަކުރާކުރެއްވިއެވެ.

މިއާއެކު ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށްގޮސް ގުޅުވައިލެވޭ ތަނަށް ވާނެކަމަށް ވިދާޅުވެ, މި ސަރުކާރުން އަޅާ ބްރިޖުގެ ދެވަނަ ޕްރޮޖެކްޓްގެ ވާހަކަ ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ، އެމަނިކުފާނުގެ ރިޔާސީ މި ދައުރު ނިންމަވާލައްވާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް, ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހުގައި ކަމަށެވެ. ގޯތީގެ ވާހަކަ ނިމުމަކާ ހަމައަށް ދިޔަ އިރުވެސް ރައީސް އެންމެ ފަހަރަކު ވެސް ގޯތި "ވިއްކަވާ" ވާހަކަފުޅެއް ނުދައްކަވައެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށެވެ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުމަށް ކަމަށެވެ.

މި އަމާޒުގެ ތެރޭގައި މާލެ ސިޓީ ކައުންސިލް ވެސް ހިމެނޭނެކަން ކަށަވަރެވެ. އެއީ މާލޭގެ ރައްޔިތުންގެ ބެލެނިވެރި ފަރާތަކީ އެއީކަމަށްވާތީއެވެ. ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި އޮތީ ކޮންއެއްޗެއްތޯ ވެސް ބަލައިވެސް ނުލިއެވެ. އޭގެ މަސްތަކެއް ހޭދަވިފަހުން, ނޫސްތަކުގައި އަދިވެސް އެވާހަކަ ދައުރުވާތީ ދެކެވަޑައިގެން, މާލޭގެ ބިންބިމުގެ ވެރިޔާކަމުގައި ހެދިގެން އުޅުއްވާ މުއިއްޒޭ ކިޔުނު ބޭފުޅަކު އެވާހަކަ ދައްކަވަން ފައްޓަވައިފިއެވެ.

މާލޭގެ ރައްޔިތުންނަށް, ތިމަންމަނިކުފާނު މިއީ ރަންގަނޑެކޭ ހިތައި، މާ ރަނގަޅު މީހެއް ކަމުގައި ދެއްކެންވެގެން މާލޭ ރައްޔިތުންނަށް ދޭ ގޯތީގެ ވާހަކަ އެހެން ގޮތަށް އަނބުރާލައްވައި އެވާހަކަ ދައްކަވަން ފެއްޓެވީއެވެ. ދެން މާލޭ ސަރުދާރު ހެއްދެވިގެން ރައީސަށް ސިޓީއެއް ފޮނުއްވިކަމަށްވެއެވެ. އޭގެ މާބޮޑު ތަފްސީލެއް ސިޓީ ކައުންސިލުން ހާމަނުކުރިނަމަވެސް، އޭގައި ބުނެފައިވަނީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 1000 ގޯތީގެ މައުލޫމާތު ލިބިވަޑައިގަތީ މީޑިޔާއިން ކަމަށެވެ.

މުއިއްޒު ވިދާޅުވީ, ހުޅުމާލެއިން ގޯތި ދޫކުރާ ވާހަކައަކީ ހަގީގަތެއް ކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހިލޭ ގޯތި ދޭ ފަދައިން، ހުޅުމާލެއިން ދޭ ގޯތިތައް މާލޭގެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރާ އުސޫލުން މާލޭ ރައްޔިތުންނަށްވެސް ހިލޭ ސަރުކާރުން ގޯތި ދޫކުރަންޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ބިން ހިއްކުމަށްފަހު ހިލޭ ގޯތި ނުދެއްވުމަކީ ހަމަހަމަކަން ނެތުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބަޔަކު އަޖައިބުވެ އަންތަރީސްވާ ވަރުވެއްޖެއެވެ. ރާއްޖޭގެ ނޫސްތަކުން އެވާހަކަ މޭޔަރަށް އެނގިވަޑައިގެންނެވި ގޮތަށް އޭގައިވާ ތަފްސީލެއް އެއްވެސް ވަރަކަށް ބައްލަވައިލެއްވިހެން ހިޔެއް ނުވެއެވެ. ސުރުޚީ އެކަނި ކިޔާލެއްވި ކަމަށް ބޮޑަށް ބެލެވެއެވެ. ރާއްޖޭގައި ނެރޭ ހުރިހާ ނޫހެއްގައި އޮތީ މާލޭ ރައްޔިތުންނަށް ގޯތި ދެއްވާނެކަން އިއުލާންކުރެއްވި ވާހަކައެވެ. ހަމަ ހޯދައިހޯދައިވެސް ގޯތި ވިއްކާ ވާހަކައެއް އެއްވެސް ނޫހަކުން ނުފެނުނެވެ.

އެންމެފަހުން މުއިއްޒުގެ ތަސައްލީއަކަށް ރައީސް އޮފީހުން ވެސް މުއިއްޒުގެ ސިޓީއަށް ޖަވާބު ދިނެވެ. ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައިވަނީ, 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި, އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތިދިނުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާފައިވާކަމަށެވެ. އަދި އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް (ދައުރު ނިމުމުގެ ކުރިން) ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައި ވާކަމަށާއި، ގޯތި ވިއްކުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައިނުވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިވަރުން ވެސް މުއިއްޒަށް އެ ސިޓީގައި އޮތް ހާއިން ފެށޭ "ހިލޭ" އަދި ގާފުން ފެށޭ "ގޯތި" މި ދެ ބަސް ފެނިވަޑައި ނުގަތެވެ. ގޯތި ވިއްކުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާކަމަށް ސިޓީގެ ޖަވާބުގައި ސާފު ސަރީހަ އިބާރާތުން އޮތް ނަމަވެސް މުއިއްޒަށް އެ ހަމަ ފެނިވަޑައިގެންނެވި ކަމަށް ނަހައްދަވައި އަނެއްކާ ވެސް ވިދާޅުވީ ވިއްކާ ވާހަކައެއް ވިދާޅެއް ނުވަމޭ، އެހެން އެބައޮތް ކަމަށާއި، އެކަމަކު 1000 ގޯތި ދޭނީ ހިލޭކަމެއް ސާފުކޮށް ސަރީހަ އިބާރާތުން ބުނެފައަ ނެތްކަމަށެވެ.

މިހިސާބަށް ދިއުމުން, ލޮލަށް ވެސް ގޮވޭނެއެވެ. ލިޔެފައި އޮތް އެއްޗެއް ކިޔުއްވަން ވެސް ފަހުމްވެސް ނުވާކަމަށް ބުނެވޭނެއެވެ. ބައެއް މިހުން މިހާރު މޭޔަރު ކުޅުއްވާ ޑްރާމާއަށް ފާޑުކިޔަންވެސް ފަށައިފިއެވެ. ހަމަ ހަގީގަތުގައި ވެސް ގޮތް ދޫނުކުރައްވައި, ތިމާވަރުގެ މީހަކު ނެތްކަމަށް ދެއްކުމަށް ބޮޑާ ހާއްކަވައި, ގަދަ ފައި ވިއްދައިގެން ހުންނަވަނީއެވެ.

މުއިއްޒެވެ. މަނިކުފާނަކީ ނަމުގެ ފަހަތަށް ޑޮކްޓަރުގެ ލަގަބު ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެވެ. ދިވެހި އަދި އިނގިރޭސީ ތައުލީމް ވެސް ވަރަށް ރަނގަޅަށް އުނގަންނަވައިގެން ހުންނެވި ބޭފުޅެކެވެ. ދިވެހި ބަހުން ލިޔެފައި އޮންނަ އެއްޗެއް ދޭހަ ނުވާ ހިސާބަށް ހިނގައްޖެނަމަ, ދެން ޖެހޭނީ ނަރސަރީގައި ކިޔަވާ ކުޑަކުދިންނަށް ކިޔަވައިދޭހެން ދަނޑިކޮޅު ޖައްސަވައި ހާއިން ހިލޭ އަދި ގާފުން ގޯތި މިހެން ކިޔައިދީ ދަސްކޮށްދެއްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
25%
0%
0%
0%
75%
ކޮމެންޓް
10 މާރޗް 2022 | ބުރާސްފަތި 19:38
މުންޑިންމަ
މުއީޒަކީ ބޮލެއް