އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެޅި އާ ދަތިކުރުުމުގެ ފިޔަވަޅުތައް ބަލައި ނުގަންނަ ކަމަށް އެގައުމުން ބުނެފިއެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އާދިއްތަ ދުވަހު ވިދާޅުވީ އދ އިން އެޅި ފިޔަވަޅުތައް ބަލައި ނުގަަންނަކަމަށާއި އަދި އދ ގެ އަމަލަކީ "ދުޝްމަން" ކަމުގެ އަމަލެއް ކަމަށެވެ. އަދި އދ އިން ފިޔަވަޅު އެޅިއަސް އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ ކޮންމެ ފަދަ ދަތިކުރުމުގެ ފިޔަވަޅެއް އަޅާ އަދި ޕްރެޝަރެއް ކުރިއަސް ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުމުގެ ޕްރޮގްރާމް ހުއްޓާ ނުލާނެ ކަމަށާއި އެކަން ކުރަނީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ދިފާއުކޮށް ގައުމު ވުޖޫދުގައި އޮތުމަށް ކަމަށެވެ.
އދ ގެ ސެކިޔުރިޓީ ކައުންސިލުން، އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް އާއި ގުޅިގެން ހަދާފައިވާ ބްލެކް ލިސްޓަށް މިފަހަރު އިތުރު ކޮށްފައި ވަނީ އުުތުރު ކޮރެއާގެ 14 އޮފިޝަލަކާއި އަދި 4 އެންޓިޓީއެއްގެ ނަމެވެ. މި ފިޔަވަޅުގެ ދަށުން އެ ފަރާތްތައް ދަތުރުފަތުރު ކުރުން މަނާ ކުރުމާއި އަދި އެސެޓްތައް ފްރީޒް ކުރެވޭނެއެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެތެރޭގައި އުތުރު ކޮރެއާ އިން، ބައިނަލްއަގްވާމީ މުޖުތަމައު އަށް އަމާޒުކޮށް ޖަސޫސު ކުރުމުގެ އޮޕަރޭޝަންްސްގެ ކަންކަން ލީޑް ކުރާ ޗޯ 2-ޔޫ ހިމެނެއެވެ.
ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ، އެ ކައުންސިލުގެ އިއްތިފާގުންނެވެ. އުތުރު ކޮރެއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން ހަފްތާތަކަކަށް އެމެރިކާ އާއި ޗައިނާ ދެމެދު މަޝްވަރާ ކުރެވުނެވެ.
އުުތުރު ކޮރެއާ އިން ނިއުކްލިއާ އަދި މިސައިލް ޓެސްޓްތައް ކުރުން މަނާކޮށް އދ އިން ނެރެފައިވާ ގަރާރަށް އެގައުމުން ވަނީ ބޯނުލަބާފައެވެ.
އުތުރު ކޮރެއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގަރާރު 15 މެމްބަރުން ހިމެނޭ ސެކިޔުރިޓީީީީ ކައުންސިލުން ފާސްކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.