ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 23:08
މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާއި ސައޫދީ ވަލީއަހުދު
މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާއި ސައޫދީ ވަލީއަހުދު
ފާޠިމަތު ޒުހައިރާ
އައްސީސީގެ ދަތުރުފުޅު
މިސްރުގެ ރައީސް ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުން
މިއީ އެއް ދުވަހުގެ ދަތުރު ފުޅެއް

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ރަސްމީ ދަތުރު ފުޅެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ. ރިޔާޟްގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓުން އަންގާރަ ދުވަހު ސީސީއަށް މަރުހަބާ ދަންނަވާފައިވަނީ ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާނެވެ. އެއަށްފަހު އަލްޔައްމާ ގަޑުވަރުގައި ސީސީގެ ޝަރަފުގައި ސަލްމާން ރަސްގެފާނު މެންދުރުގެ ފަރިއްކޮޅެއް ބާއްވާފައިވެއެވެ.

މިސްރުގެ ރިޔާސީ ތަރުޖަމާނު މައުލޫމާތުދެއްވި ގޮތުގައި, ސަލްމާން ރަސްގެފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ދެފަރާތުގެ ވަފުދުތަކުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވާފައިވެއެވެ.

ސަލްމާން ރަސްގެފާނުގެ ވާހަކަފުޅުގައި, އަރަބި ދުނިޔޭގެ ސެކިއުރިޓީއާއި ހަމަޖެހުމަށް މިސްރުން އަދާކުރާ މުހިންމު ރޯލު ފާހަގަ ކުރައްވައި ސީސީއަށް ޝުކުރު އަދާކުރެއްވިއެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއެކު ބޭއްވެވި ވާހަކަފުޅުތަކުގައި ދެބޭފުޅުންވަނީ, ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކުގެ އިތުރުން, ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.  

ރަސްމީވާހަކަފުޅުތަކަށް ފަހު މުހައްމަދު ބިން ސަލްމާން ވަނީ ސީސީގެ އަރިހުގައި ސައޫދީ އަރަބިއްޔާގެ ތާރީޚީ މުހިންމު ޑިސްޓްރިކްޓެއް ކަމަށްވާ އައްތުރައިފަށް ޒިޔާރަތެއް ކުރައްވާފައެވެ.

ސައޫދީ އަރަބިއްޔާއަކީ މިސްރުގައި ދެވަނަޔަށް އެންމެ ބޮޑަށް އިންވެސްޓް ކޮށްފައިވާ ބޭރުގެ ގައުމެވެ. އަދި މިސްރަކީވެސް ސައޫދީ އަރަބިއްޔާގައި އިންވެސްޓްކުރުމުގެ ލައިސަންސް 2020 ވަނައަހަރު ދެވަނައަށް އެންމެގިނައިން ދިން ގައުމު ކަމަށް މައުލޫމާތު ލިބެއެވެ.

އައްސީސީ ސައޫދީ އަރަބިއްޔާއަށް އަންގާރަ ދުވަހު ކުރެއްވި ދަތުރު ފުޅަކީ އެއްދުވަހުގެ ދަތުރު ފުޅެކެވެ. ސީސީ ވަނީ މިދަތުރުފުޅުގެ ކުރިން ކުވޭތަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އަދި އޮމާނަށް ވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުލިބެއެވެ.         

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް