ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުން ހިމެނޭ ގޮތަށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފިއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ހުރިހާ ފިޔަވަޅުތަކަކަށް ނިމުން އައިސްފައިވާކަމަށް ސައުދީ ގެޒެޓްގައި ވަނީ ބުނެފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ހަރަމްފުޅުވެސް ހިމެނޭ ގޮތަށް ގައިދުރުކޮށްގެން ނަމާދުކުރުންވެސް ނިމުމަކަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިސްކިތުގައި އެތެރޭގައި މާސްކު އަޅަންޖެހޭނެއެވެ. އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރެއް ނޫނެވެ. ނަމަވެސް ބަންދުކޮށްފައި ހުންނަ ތަންތަނުގައި މާސްކު އަޅަން އަދިވެސް ޖެހޭނެއެވެ.
ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ ހާމަތަންތަނާއި ބަންދުކޮށްފައި ހުރި ތަންތަނުގައި ބާއްވާ ބޮޑެތި ހަރަކާތްތަކާއި އިވެންޓްތަކުގައިވެސް ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށެވެ.
މީގެއިތުރުން ސައުދީއަށް އެތެރެވާ މީހުން ކަރަންޓީނުވާކަށްވެސް ދެން ނުޖެހޭނެއެވެ. އަދި ޕީސީއާރު ޓެސްޓެއްވެސް ސައުދީއަށް އެތެރެވާއިރު ބޭނުމެއްނުވާނެއެވެ.
އަދި ސީދާ ފްލައިޓްތައް އައުން މީގެކުރިން މެދުކަނޑާލާފައިވާ ދެކުނު އެފްރިކާ ސަރަހައްދުގެ ގައުމުތަކުގެ ފްލައިޓް ދަތުރުތައްވެސް ވަނީ އަލުން ފަށާފައެވެ.
ނަމަވެސް ބޫސްޓަރ ޑޯޒް ޖެހުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ތަންތަނަށް ވަނުމަށާއި ޚިދުމަތްތައް ބޭނުންކުރުމުގައި ތަވައްކަލްނާ އެޕްލިކޭޝަނުން ބޫސްޓަރ ޑޯޒް ޖަހާފައި ހުރިތޯ ބަލާނެކަމަށް ވަނީ ބުނެފައެވެ. ސައުދީން ވަނީ ވެކްސިން ފުރިހަމަވެފައި ހުރި ކަމަށް ބަލާނީ ބޫސްޓަރ ޑޯޒް ޖެހުމުންކަމަށް ކަނޑައަޅާފައެވެ.