ކ. މާލެ
|
4 މާރޗް 2022 | ހުކުރު 13:10
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ޤަޟާ ކުރަން ޖެހޭ ރޯދަތައް އަވަހަށް ހިފުމަށް ޚުތުބާގައި ގޮވާލައިފި
ޝަޢުބާންމަހު ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް
ޣާފިލުކަމުން ހޭލުމަށް ގޮވާލާފައިވޭ
ކުރިއަށް އޮތް ރޯދަ މަހަށް ފުރިހަމައަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެފައިވޭ

މިދިޔަ ރަމަޟާން މަހުން ޤަޟާ ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ހުރިނަމަ ރަމަޟާން މަސް އައުމުގެ ކުރިން އެރޯދަ ޤަޟާ ކުރުމަށް އަވަސް ވެގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ޝަޢުބާން މަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިއަދު ފެނިގެން މިދަނީ ހުރުމަތްތެރި ކުރެއްވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހާ ދެމެދުގައިވާ، އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝަޢުބާން މަސް ކަމަށެވެ.

ޚުތުބާގައި ބުނީ ޝަޢުބާން މަހަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަ ހިފުމާއި އެހެނިހެން އަޅުކަންތައްތައް ކުރުމަށް މާތް ﷲ މިންވަރު ކޮށްދެއްވާފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. މިދިޔަ ރަމަޟާން މަހުން ޤަޟާ ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ހުރިނަމަ ރަމަޟާން މަސް އައުމުގެ ކުރިން އެރޯދަ ޤަޟާ ކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި، ވެހޭތާ ފެންނަގާށޭ ބުނާ ބީދައިން ހެޔޮ ގޮތް އިޚްތިޔާރު ކުރުމަށް ވެސް ޚުތުބާގައި އެދިފައިވެއެވެ.

ޖުމްހޫރު އިލްމުވެރިންނާއި ހަވާލާ ދެއްވައި ޚުތުބާގައި ބުނީ ޤަޟާކުރަން ޖެހިފައިވާ ރޯދަ އާއި އާއްމުކޮށް މީހަކު ހިފަމުން އަންނަ ސުންނަތް ރޯދަ، އެބަހީ، ކޮންމެ ހަނދުމަހެއްގެ 13، 14 އަދި 15 ވަނަ ދުވަހު ހިފާ ރޯދައާއި، ކޮންމެ ހަފުތާއެއްގެ ހޯމަ ބުރާސްފަތީގައި ހިފާ ރޯދަ ފަދަ ރޯދަތައް ޝަޢުބާންމަހުގެ ފަނަރައިގެ ފަހުން ވެސް ހިފޭނެ ކަމަށެވެ.

ޚުތުބާގައި ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހު ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށާއި، އެ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާ ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވޭ ކަމަށެވެ. އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވޭ ކަމަށެއެވެ.

އަދި ޝައުބާން މަހު ގިނަގިނައިން ރޯދަހިފުމުން ރަމަޟާން މަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވެވޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަމަޟާން މަސް ފިޔަވައި އެހެން މަސްތަކުގައި ހިފާ ރޯދައަކީ މުސްތަޙައްބު ރޯދަތަކެއް ކަމަށެވެ.

އެ މަހުގައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ގިނަގިނައިން ރޯދަހިފުމެވެ. އެމަހަކީ މީސްތަކުންގެ ޢަމަލުތައް މާތް ﷲގެ ޙަޟްރަތައްއުފުއްލެވޭ މައްސަރެވެ. މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި އުސާމާ ބުނުޒައިދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާނައީ: "ކަލޭގެފާނު ޝަޢުބާން މަހުރޯދަހިއްޕަވާ ފަދައިން އެހެން މަހެއްގައި ރޯދަ ހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެ މަހަކީ ރަމަޟާން މަހާއި ރަޖަބު މަހާއި ދެމެދުގައިވާ، އަދި އެމަހާ މެދުގައި މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. އަދި އެ މަހަކީ މީސްތަކުންގެ ޢަމަލުތައް ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށްއެއުފުއްލެވޭ މަހެވެ. ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ތިމަންކަލޭގެފާނު ރޯދައަށް ހުއްޓައިއުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.
ހުކުރު ޚުތުބާ

އެހެންކަމުން ޚުތުބާގައި ވަނީ ޝައުބާން މަހު ފުރަތަމަ ރޯދަ ހިފުން ގިނަކޮށް، ޣާފިލުކަމުން ހޭލުމަށް ގޮވާލާފައެވެ. އަދި މި މަހުގެ ތެރޭގައި ކުރިއަށް އޮތް ރޯދައަށް ފުރިހަމައަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

- ކޮމެންޓް