ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ބޭނުންވާކަމަށެވެ. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 3 މާރިޗުން 28 މާރިޗަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/380,000ރ (ތިންލައްކަ އަށްޑިހަ ހާސް ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
ބިޑް ހުޅުވުން އޮންނާނީ 31 މާރިޗު ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް، ލ. ގަމުގައި 100 ރޯހައުސް، ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ. އަދި ޅ. ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓާއި، މަނަދޫގައި 40 ހައުސިން ޔުނިޓް އެޅުމަށްވެސް ވަނީ ހުޅުވާލާފައެވެ.