އިނގިރޭސި އެފްއޭ ކަޕުގައި މިޑްލްސްބަރާ އަތުން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް ކެޓިއިރު، ޕީޓަބަރާ ބަލިކޮށް މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި މިޑްލްސްބަރާ އިން ޓޮޓެންހަމް ބަލިކުރީ އިތުރު ވަގުތުގައި 1-0 ގެ ނަތީޖާއަކުންނެވެ.
މިޑްލްސްބަރާއިން ވަނީ މިދިޔަ ސީޒަނުގައި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލާފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 107 ވަނަ މިނެޓުގައި މިޑްލްސްބަރާއަށް ކާމިޔާބު ކޮށްދިނީ ޖޯޝް ކޮބާންއެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ކޮބާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ފައިގައި ޖެހިފައެވެ.
މި މެޗުގައި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ލަނޑު ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ސިޓީން ޕީޓަބަރާގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާ އުފައްދާފައިވަނީ ޕީތަބަރާ އިންނެވެ. އެކަމަކު ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ރިޔާދު މާރޭޒްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސިޓީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ފިލް ފޯޑެންގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެކް ގްރީލިޝްއެވެ.
އެފްއޭ ކަޕުގައި އަންގާރަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދާފައެވެ.