ކުޅިވަރާ ބެހޭ ވުޒާރާއިން މި މަހު ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެވޯޑް ނައިޓް ކަމަށްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގައި އެވޯޑް ދޭ އިތުރު ދެ ކެޓަގަރީ އިއުލާންކޮށްފިއެވެ.
މި ކެޓަގަރީތަކަކީ، ކުޅިވަރު ތަރި އެވޯޑާއި، ސްޕޯޓްސް މެން އަދި ސްޕޯޓްސް ވިމެން އޮފް ދި އިޔަރ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، މި ދެ ކެޓަގަރީގެ ތެރެއިން ކުޅިވަރު ތަރި އެވޯޑް ދޭން ނިންމީ ކުޅިވަރުގެ ސަބަބުން މުޖުތަމައުއަށް އެތަކެއް ފައިދާ ތަކެއް ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތަކުގެ ސަބަބުން ލިބޭތި ކަމަށާއި، އެހެންކަމުން އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މީގެ އިތުރުން ސްޕޯޓްސް މޭން އަދި ސްޕޯޓްސް ވުމަން އޮފް ދި އިޔަރ އެވޯޑް ދޭން ނިންމީ ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ރީތި ނަން ގެނަސްދީފައިވާ އެތުލީޓުންގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ، ސްޕޯޓްސް އެވޯޑް ދޭ އިތުރު ކެޓަގަރީތައް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ ކުރިން ސްޕޯޓްސް އެވޯޑްގެ ޕާޓްނަރުންނާއިއެކު، ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްޕޯޓްސް އެވޯޑްގެ ސަބަބުން އެއް އެސޯސިއޭޝަން އަނެއް އެސޯސިއޭޝަނަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށާއި، މި އެވޯޑާއިއެކު އެ ވާދަވެރިކަން އުފެދިގެންދާނެ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ނަން މަޝްހޫރު ކުރީގެ އަދި މިހާރުގެ އެތުލީޓުން ބައިވެރިވާނެ ކަމަށާއި، މި ހަފްލާ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ ހަފުލާއަށް ކަމަށެވެ. މަޚްލޫފް ވިދާޅުވީ މި އެވޯޑަށް ނަންތައް ނޮމިނޭޓު ކުރާނީ ކުޅިވަރު އެސޯސިއޭޝަން ތަކުން ކަމަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ ނަމުގައި ހާއްސަ އެވޯޑެއް މި އަހަރު ބާއްވަން ނިންމާފައިވާއިރު މީގެ ކުރިން ސަރުކާރުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ ފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ގެ ބްރޯޑްކާސްޓިންގ ޕާޓުނަރަކީ "ރާއްޖެޓީވީ" އެވެ. އެހެންކަމުން މި އެވޯޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރާއްޖެޓީވީން އާންމުންނާ ހަމައަށް ގެނަސްދިނުމަށް ވަނީ ނިންމާފައެވެ.