Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
1 މާރޗް 2022 | އަންގާރަ 11:56
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނަރުހުންގެ އައު ޔުނީފޯމް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނަރުހުންގެ އައު ޔުނީފޯމް
އުއްމު ކުލްސޫމް އިބްރާހިމް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ނަރުހުންގެ އައު ޔުނީފޯމް ތައާރަފްކޮށްފި
އެހޮސްޕިޓަލްގެ ނަރުހުންނަށް އަލަށް ތައާރަފްކުރި ޔުނީފޯމްގެ ކުލަޔަކީ ޓީލްބުލޫ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އަހަރީ ދުވަހަކީ މާރޗް މަހުގެ 1 ވަނަ ދުވަސް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި އެހޮސްޕިޓަލް ނަރުހުންގެ އައު ޔުނީފޯމް އިފްތިތާހުކޮށްފިއެވެ.

މިޔުނީފޯމް އިފްތިތާހުކޮށްދެއްވީ އަހަރީ ދުވަހުގެ މުނާސަބަތުގައި ހެނދުނު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދުއެވެ. އެހޮސްޕިޓަލްގެ ނަރުހުންނަށް އަލަށް ތައާރަފްކުރި ޔުނީފޯމްގެ ކުލަޔަކީ ޓީލްބުލޫ އެވެ.

Advertisement

މިރަސްމިއްޔާތުގައި މުވައްޒަފުންނާއި މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން އަހުމަދު ދާއޫދު ވިދާޅުވީ ފާއިތުވި އަހަރަކީވެސް ހޮސްޕިޓަލްގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައިވާ އަހަރެއް ކަމަށެވެ. އެގޮތުން ވަކި ބޯޑެއްގެ ދަށުން ހޮސްޕިޓަލު ހިންގަން ފެށި ފަހުން އަހަރެއްވެފައިވާއިރު ކާމިޔާބުކަމާއެކު މިބަދަލާއެކު ކުރިއަށްދާން ބުރަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގަވެސް ސަރުކާރާއި ގަވަނިންގ ބޯޑާއި ގުޅިގެން ހޮސްޕިޓަލްގެ ކުރިއެރުމާއި ތަރައްޤީއަށް ހުރިހާ މުވައްޒަފުން މަސައްކަތް ކުރާނެކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގަވަނިންގ ބޯޑުގެ ޗެއާރޕާސަން އައިމިނަތު ގާސިމް ވަނީ ގަވަނިންގ ބޯޑުގެ މައްޗަށް ލާޒިމްކުރާ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްރެޓީޖިކް އެކްޝަން ޕްލޭންއެއް އެކުލަވާލާ އެވުޖޫދައް އައުމުގެ މަގުމަތީގައިވާކަމަށް ވިދާޅުވިއެވެ. އަދި އެޕްލޭނާއި އެއްގޮތަށް އަމަލުކުރުމުގައި އެންމެހައި މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރެއިން ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭ ހޮސްޕިޓަލަށް ހެދުމަށްޓަކައި ހިފާފައިވާ އަމާޒު ހާސިލް ކުރުމަށް ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުން އެމުވައްޒަފެއްގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ނަރުހުންގެ އައު ޔުނީފޯމް އިފްތިތާހުކޮށްދެއްވަނީ - އުއްމު ކުލްސޫމް އިބްރާހިމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހޮސްޕިޓަލުންވަނީ ރާވާފައެވެ.

އެގޮތުން ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނަރުހުންގެ އައު ޔުނީފޯމް އިފްތިތާހުކުރުމުގެ އިތުރުން އަހަރީ ދުވަހުގެ ކޭކުފެޅުމާއެކު ހެނދުނުގެ ނާސްތާއެއްވަނީ ބާއްވާފައެވެ. އަދި އޯޕީޑީ އާއި އައިޕީޑީގެ ބަލިމީހުނަށް ހަދިޔާ ބެހުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހޮސްޕިޓަލް މުވައްޒަފުންގެ މެދުގައި ތަފާތު މުބާރާތްތައް ބޭއްވުމުގެ އިތުރުން މުވައްޒަފުންގެ ޑިނަރ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އުތުރުގައި ހުރި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. އަދި އެއީ ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަމުންގެންދާ ހޮސްޕިޓަލެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އަހަރީ ދުވަހަކީ މާރޗް މަހުގެ 1 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް