ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް 18 އަހަރުވީ ނަމަވެސް ވަޒީފާއެއް ހަމަނުޖެހޭނަމަ އަތުން ދޫކޮށް ނުލައްވާނެ ކަަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މުޖުތަމައުގެ ތެރެއަށް ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ފިޔަވަތީގައި ވެސް ދިރިއުޅެމުންދާ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ވަރަށް ހުނަރުވެރި ތައުލީމަށް މޮޅު ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ކުދިންނަށް 18 އަހަރުވީ ނަމަވެސް ދޫކޮށްލަނީ ވަޒީފާއެއް ހަމަޖެހުމުން ކަމަށާއި، ކުށްވެރިވި ނަމަވެސް ވަޒީފާ ހަމަ ނުޖެހޭ ނަމަ އަތުން ދޫކޮށް ނުލާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުން މުޖުތަމައުއަށް ނުކުންނަ ކުދިންނަކީ ވެސް ވަރަށް ހިތްވަރު ގަދަ، އަހުލާގު ރަނގަޅު ކުދިން ކަމަށާއި، އެކުދިންނަށް ފަހި ފުރުސަތުތައް ހޯދައިދޭން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވެސް އެމްއޭސީއެލްއާއެކު އެފަދަ ކުދިންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކުދިންނަށް ވެސް ފަހި މުސްތަގުބަލެއް އެބައޮތް ކަމަށާއި، މިހާރު ވެސް އޯލެވަލް އިމްތިހާންގައި ބައިވެރިވާ ކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދާ ކަމަށެވެ.
މިދިޔަ އަހަރުގައި 7 ކުދިންނަށް 18 އަހަރު ފުރުނު. އަޅުގަނޑު ކުއްވެރި ވިޔަސް ދުލެއް ނުކުރަން ވަޒީފާއެއް ހޯދާ ނުދީ. ގެންގުޅެން. 18 އަހަރު ފުރުނީމަ އަޅުގަނޑުމެންނާއެކު މިހާރު ތިބި ރިސޯޓުތަކުން އެދިލާއިރަށް ވަޒީފާ ދެއްވާނެ. އެހެންވީމަ ގިނަ ފިރިހެން ކުދިން ދާން ބޭނުންވަނީ ރިސޯޓުތަކަށް. އެހެންވީމަ ރިސޯޓަށް ދިޔާމަ. ވަޒީފާ ލިބިފައި، ރުފިޔާ ސޭވް ކުރެވިފައި، ހުންނާނެ ތަނެއް ލިބިފައި ކާން ލިބިފައި ކްރައުޑެއްގެ ތެރޭގައި އުޅެވޭނެ.މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ
ވަޒީފާއަށް ފޮނުވުމަށް ދިމާވާ ދަތިތަކަށް އިޝާރަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުދިންނަކީ އެކަނި ދިއުމަށް ފަސް ޖެހޭ ކުދިން ކަމަށާއި، އެކަނިވެރި ވެދާނެތީ ބިރު ގަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުދިން ވަޒީފާ އަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އާއިލާއަށް ވެސް އެކަން އެންގުމަށްފަހު ކަމަށެވެ. ބައެއް ކުދިންނާއި އާއިލާއިން ހަވާލުވެފައިވާ ކަމަށާއި، އަނެއް ބައި ކުދިން އާއިލާއަށް ދިއުމަށްފަހު އެނބުރި އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް އަންހެން ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ގޮންޖެހުންތައް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.