ކ. މާލެ
|
27 ފެބްރުއަރީ 2022 | އާދީއްތަ 19:04
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު
އެމްބީބީއޭ
ގައުމީ ބޮޑީބޯޑިން ލީގު
ފުރަތަމަ ގައުމީ ބޮޑީބޯޑިން ލީގު މިއަހަރު ފަށަނީ
މިއީ ބޮޑީބޯޑިންގެ ފޯރި އިތުރުކުރުމަށް އެޅިގެންދިޔަ ބޮޅެއް
ފުރަތަމަ ބޮޑީބޯޑިން ލީގުގައި ޖުމްލަ ހަ އިވެންޓެއް ހިމަނާފައިވޭ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ފުރަތަމަ ފަހަރަށް ގައުމީ ބޮޑީބޯޑިން ލީގެއް މިއަހަރު ފަށަން ނިންމައިފިއެވެ.

އެމްބީބީއޭއިން ބުނީ ބޮޑީބޯޑިން ލީގެއް ގޮތަށް އެ އެސޯސިއޭޝަނުގެ ކަލަންޑަރުގައި ޖުމުލަ ހަ އިވެންޓެއް ހިމަނައިފައިވާ ކަމަށެވެ. އެއީ މާޗް މަހުގެ 20 އިން 30 އަށް ބާއްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާއި، މެއި މަހުގެ 26 އިން ޖޫން 4 ކަށް ބާއްވާ ލަބޭރާ ބޮޑީބޯޑިން ޗެލެންޖާއި، ޖުލައި މަހުގެ 14 އިން 23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖާއި، ސެޕްޓެމްބަރު މަހުގެ 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ އާއި އޮކްޓޫބަރު މަހުގެ 6 އިން 15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި ހަމަ މި ތާރީޚުގައި ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖެވެ.

އެމްބީބީއޭ އިން ބުނީ މި އިވެންޓުތަކުގެ ތެރެއިން ފަސް އިވެންޓް ބާއްވާނީ މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކަމަށާއި، އަދި އެއް އިވެންޓް ކ. ތަނބުރުދޫގައި ކުރިއަށްދާނެ ކަމަށެވެ.

ލީގެއްގެ ގޮތުގައި އިވެންޓްތައް ބޭއްވުމަށް އެމްބީބީއޭއިން ނިންމާފައިވަނީ ބޮޑީބޯޑިންގެ ފޯރި ވަރުގަދަކުރުމުގެ ގޮތުންނެވެ. އެގޮތުން ގައުމީ ލީގު ކުރިއަށްދާ އުސޫލަށް ބަލާއިރު، ލީގުގައި ހިމެނޭ ކޮންމެ އިވެންޓަކުން ނޫނީ މުބާރާތަކުން ޕޮއިންޓް ލިބޭނެއެވެ. އަދި ޖުމްލަ ރޭންކިން ކަނޑައަޅާނީ ހަ މުބާރާތް ނިމުމުންނެވެ.

އެމްބީބީއޭއިން ބުނީ އަހަރު ނިމޭއިރު ރޭންކިންގެ އެންމެ ކުރީގައި އުޅޭނީ އަހަރުގެ އެއްވަނަ ބޮޑީބޯޑަރު ކަމަށެވެ. އަދި ގަދަ ހަތަރެއްގައި ހިމެނޭ ބޮޑީބޯޑަރުންނަކީ އަންނަ އަހަރު ގައުމީ ބޮޑީބޯޑިން ޓީމު ތަމްސީލުކުރާނެ ބޮޑީބޯޑަރުންނެވެ.

އެމްބީބީއޭއިން ބުނީ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ކެޓަގަރީއަކީވެސް ހާއްސަ ކެޓަގަރީއެއް ކަމަށެވެ. އެގޮތުން ޖޫނިއާ ކެޓަގަރީގެ އެންމެ ކުރީގައި އުޅޭ ހަތަރު ބޮޑީބޯޑަރުން ވެގެންދާނީ ޒުވާން ގައުމީ ބޮޑީބޯޑިން ޓީމަށް ކަމަށެވެ.

މިހާރު އޮތްގޮތުން ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް އޮންނާނީ އަންނަ މަހުގެ 20އިން 30 އަށެވެ.

- ކޮމެންޓް