ކ. މާލެ
|
26 ފެބްރުއަރީ 2022 | ހޮނިހިރު 19:41
އިޓާލިއަން ލީގުގައި ޖެނޯއާ އާއި އިންޓަ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ޖެނޯއާ އާއި އިންޓަ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޖެނޯއާ އާއި އެއްވަރުވެ އިންޓައަށް ފުރުސަތު ގެއްލިއްޖެ
ޖެނޯއާ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި، ޖެނޯއާ އާއި އެއްވަރުވެ، ލީގު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އިންޓަ މިލާނަށް ގެއްލިއްޖެއެވެ.

ރަށުން ބޭރުގައި ޖެނޯއާ އާއި ދެކޮޅަށް އިންޓައިން ހުކުރު ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ އިވާން ޕެރިސިޗް ޖެހި ބޯޅަ ޖެނޯއާގެ ކީޕަރު ސަލްވަޓޯ ސިރީގޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން އިންޓަގެ ހަކަން ޗަނޮނޮގްލޫ އޭރިއާތެރެއިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މިހާފުގައި ޖެނޯއާއަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާތެރެއިން މުޅިން ހުސްކޮށް ގުޑްމުންޑްސަން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޓަގެ ޑިއަމްބްރޯސިއޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެރޭ އޭސީ މިލާނުން އުދިނޭޒީ އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ނަތީޖާތަކާއެކު މިލާނުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 27 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޓައަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިނުވާއިރު އެ ޓީމަށް 26 މެޗުން 55 ޕޮއިންޓް ވަނީ ލިބިފައެވެ.

- ކޮމެންޓް