ކ. މާލެ
|
26 ފެބްރުއަރީ 2022 | ހޮނިހިރު 11:04
އެމެރިކާގެ ރައީސް ޖޯ ބައިޑެން
އެމެރިކާގެ ރައީސް ޖޯ ބައިޑެން
ރޮއިޓަރސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާއާ ދެކޮޅަށް، އެހީވުމަށް އެމެރިކާއިން ޔޫކްރެއިނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް
ޔޫކްރެއިނަށް މި އެހީ ދެނީ ފޮރިން އެސިސްޓަންޓް އެކްޓްގެ ދަށުން

ރަޝިޔާއާ ދެކޮޅަށް އެހީވުމަށް އެމެރިކާއިން ޔޫކްރެއިނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި އެހީ ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ. ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއަށް ބައިޑެން ފޮނުއްވި މެމޮރެންޑަމްއެއްގައި ވިދާޅުވީ "ފޮރިން އެސިސްޓަންޓް އެކްޓް"ގެ ދަށުން މި އެހީ ހަމަޖައްސަވައި ދެއްވުމަށެވެ.

އެމެރިކާއިން އެހީ ދިނުމަށް ނިންމާފައިވާއިރު, އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ މަސްރަހާ ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވަނީ, ރަޝިޔާއާ ދެކޮޅަށް އަޅުއްވާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކުރައްވާފައެވެ. ބައިޑަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގުތިސާދަށް މިހާރުން މިހާރަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން, ދިގު މުއްދަތަކަށްވެސް ގެއްލުން ލިބިގެންދާނެކަމަށެވެ.

ދިގު މުއްދަތަކަށް ރަޝިޔާގެ އިގުތިސާދަށް އަސަރުކުރާނެ ފަދަ ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ބައްޓަންކޮށްފައިވާ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ބައްޓަންކޮށްފައިވާނީ އޭގެ ގެއްލުން ވީހާވެސް ބޮޑަށް އެމެރިކާއަށް ކުޑަވާނެގޮތަކަށް ކަމަށް ބައިޑަން ވިދާޅުވިއެވެ.

ޕުޓިންގެ މަގުސަދަކީ ޔޫކްރެއިން ނޫންކަމަށާއި އެއަށްވުރެ ބޮޑު ކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަކީ ޕުޓިން އަމިއްލަފުޅަށް ފެއްޓެވި ހަނގުރާމައެއް ކަމަށާއި, އެހެންކަމުން އޭގެ ހުރިހާ ޒިންމާއެއް ނަންގަވަންޖެހޭނީ ޕުޓިންކަމަށް ބައިޑަން ވިދާޅުވިއެވެ.

- ކޮމެންޓް