ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 22:03
އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން
އެޓްލެޓިކޯގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން
ގޯލް.ކޮމް
އެންޓޯނިއޯ ގްރިޒްމަން
އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި
މި ހާލަތުގައި އެޓްލެޓިކޯ ދޫކޮށްލަން ބޭނުމެއް ނޫން
އެޓްލެޓިކޯ އަށް ކުޅުންތެރިން ގެނެވޭނީ ޖެނުއަރީގައި

އެންމެފަހުން އެޓްލެޓިކޯ މެޑްރިޑްގައި މަޑުކުރަން އެންޓޯނިއޯ ގްރިޒްމަން ނިންމައިފި އެވެ.

ޓެލެފުޓް އަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަން ބުނީ މިއީ އޭނާ ކްލަބް ދޫކޮށްލަން އެންމެ ރަނގަޅު ދަނޑިވަޅުކަމަށް ނުދެކޭ ކަމަށާއި، އެގޮތުން ޔުނައިޓެޑަށް ބަދަލުނުވެ ކްލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

ކުރިޔަށް އޮތް ޓްރާންސްފާ ބާޒާރުގައި އެޓްލެޓިކޯ އަށް ކުޅުންތެރިން ގެނައުން ފީފާއިން ވަނީ ބޭންކޮށްފައެވެ. ފީފާ އިން މިގޮތަށް ނިންމީ 18 އަހަރުން ދަށުގެ ބިދޭސީ ކުޅުންތެރިން ގެނައުމުގައި އަމަލު ކުރަންޖެހޭ ގަވާއިދަށް އަމަލުކޮށްފައި ނުވާތީއެވެ. މި މައްސަލަ އެޓްލެޓިކޯއިން ދަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއެސްއޭ) އަށް ހުށަހެޅި ނަމަވެސް މައްސަލަ ނިމުނީ ކްލަބާ ދެކޮޅަށެވެ.  

އެޓްލެޓިކޯއަށް މިހާރުވެސް ބައެއް ކުޅުންތެރިން އަންނަން އެއްބަސްވެފައިވާއިރު، އެ ކުޅުންތެރިންނަށް ކްލަބަށް ކުޅެވޭނީ އަންނަ ޖެނުއަރީ ޓްރާންސްފާއަށްފަހު އެވެ.

ގްރިޒްމަން ބުނީ ކުރިޔަށް އޮތީ އާ ސީޒަނެއް ކަމަށާއި، އެގޮތުން ޖެނުއަރީ ޓްރާންސްފާގައި ގެންނަ ކުޅުންތެރިންނާއެކު ސްކޮޑު އިތުރަށް ވަރުގަދަވާނެކަމަށް ދެކޭ ކަމަށެވެ.

ގްރީޒްމަންގެ ސޮއި ހޯދުމަށް 100 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް ޔުނައިޓުން އޮތީ ތައްޔާރަށެވެ. އަދި އެކަމުގެ މަޝްވަރާތައް ދެ ކުލަބުގެ މެދުގައި ވެސް ކޮންމެ ވެސް ވަރަކަށް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

އެޓްލެޓިކޯއާ އެކު 2021 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއް ހަދާފައިވާ ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި ހޭދަކުރި ތިން ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 160 މެޗުގައި 83 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް އަދި ނިމިގެންދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގްރިޒްމަން ވަނީ އެ ގައުމަށް އެ މުބާރާތުގެ ދެވަނަ ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް