ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 22:14
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް
އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތާއެކު ފާގަތި މުސްތަގުބަލެއް ފެންނަމުންދޭ: ޖެންޑަރ މިނިސްޓްރީ
މީހުން ހޭލުންތެރިކުރުމަށް އިސްކަންދެން
މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރާ ބަޔަކަށްވާން ދަސްކުރަންޖެހޭ
އަމާޒަކީ މީހުން ނިކަމެތިވެ، ނާޒުކު ހާލަތަކަށް ދިޔަނުދިއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން

ރައްކާތެރި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތާއެކު ވަރަށް ފާގަތި މުސްތަގުބަލެއް ފެންނަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން, ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވިދާޅުވީ, އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދެނީ މީހުން ހޭލުންތެރިކޮށް، ވިސްނުމުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި, ވިސްނާ ވިސްނުން ބަދަލު ކުރުމަށް ކަމަށް ޝިހާބް ވިދާޅުވިއެވެ.

"ގެވެށި ގުޅުން" ކެމްޕޭނަށް އިޝާރާތް ކުރައްވައި ޝިހާބް ވިދާޅުވީ, އެ ކެމްޕޭންގެ ދަށުން, އޯގާތެރި, އަޑު އަހާ ބަޔަކަށް ވުމަށް ދަސްކޮށްދޭނެ ކަމަށާއި، މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރާ ބަޔަކަށް ވާން ދަސްކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ ހުރިހާ ފަރުދުން ޝާމިލުވާ ގޮތަކަށް, މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނަމަ ދިމާވާ ގޮންޖެހުންތައް މަދުވާނެ ކަމަށެވެ.

އޯގާތެރިމީހުންނަށް ވާން އަޅުގަނޑުމެންނަށް ދަސްވާންޖެހޭ. އަޑު އަހާ ބަޔަކަށްވާން އަޅުގަނޑުމެންނަށް ދަސްވާންޖެހޭ. މީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާން ދަސްވާންޖެހޭ. މިކަންކަން ފަހިވެގެންދާނީ އަޅުގަނޑުމެން މިފެށި "ގެވެށި ގުޅުން" ކެންޕޭންގެ ތެރެއިން. އަޅުގަނޑުމެން މިއަހަރު ކުރާ ވަރަށް ބޮޑު ކަމެއް އޮންނާނެ. ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން. އެއީ މުޖުތަމައު އިސްނަގައިގެން، މުޖުތަމައު ބައިވެރިވެގެން، މުޖުތަމައުގެ ހުރިހާ ފަރުދުން ޝާމިލުވާ ގޮތަކަށް، މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ނެރެން. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމުގައި ވިޔަސް. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ފަށާ މަސައްކަތެއް. އެ އުސޫލު "އިބަމަ"ގެ ތެރޭގައި ބޭނުންކުރާނެ.
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް

ޝިހާބް ވިދާޅުވީ, އަމާޒަކީ މީހުން ނިކަމެތިވެ ނާޒުކު ހާލަތަކަށް ދިޔަނުދިއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ. އެގޮތުން ބޭނުންވަނީ އޯގާތެރި މުޖުތަމައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަބުރުވެރި އާއިލާއެއް ކަށަވަރުކޮށްދިނުމަށް އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، މުޖުތަމައު ރައްކާތެރިކޮށް، އަމާން މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށެވެ. އަނިޔާ ލިބިފައިވާ މީހުންނަށް އިޝާރާތް ކުރައްވައި ޝިހާބް ވިދާޅުވީ, އެމީހުންނަށް ވެސް ހިތް ފަސޭހަ ރައްކާތެރި ދިރުއުޅުމެއް ހޯދައިދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން, މާނަވީ ގޮތެއްގައި ނަތީޖާ ނެރުމަށް ވަރަށް ގިނަ މީހުންގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. މި މަސައްކަތަކީ ވަރަށް ބުރަ, ބޮޑު މަސައްކަތަކަށްވާއިރު، ސޯޝަލް ވަރކް ނުވަތަ ސޯޝަލް ޕްރޮޓެކްޝަންގައި މަސައްކަތް ކުރާނެ ގާބިލް ޒުވާނުން ބޭނުންވާ ކަމަށެވެ.

އަމާން, ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ޖެންޑަރ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝިހާބް ވިދާޅުވެފައިވާއިރު، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރި "ސާސްތުރަ" މަޖައްލާ ނެރިފައިވެއެވެ. މީގެ އިތުރުން 7 ފެބްރުއަރީ 2022ގައި ވަނީ "އިބަމަ" އިފްތިތާހުކޮށްފައެވެ. އިބަމަ (އިޖްތިމާއީ ބަދަހި މަދަދުވެރީން)އަކީ ރާއްޖޭގެ މުޖްތަމައުތަކުގައި "ކޮމިއުނިޓީ ސޯޝަލް ގްރޫޕްސް"ގެ ގޮތުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން, މުޖްތަމައުގެ އިޖްތިމާއީ ހާލަތު ދެނެގަނެ، މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާއީ ޚިދުމަތްތައް, ކަމާބެހޭ ދާއިރާތަކާއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވައި, ރައްކާތެރި މުޖުތަމައެއް ކަށަވަރު ކޮށްދިނުމާއި, އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެކެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ގާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތައުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ސިއްހީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައެޅޭ ފަރާތްތެކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ރާއްޖޭގެ މުޅި މުޖުތަމައުގެ އިންސާނީ ހައްގުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި, އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާއީ ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ހައްގުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ރާއްޖޭގެ މުޅި މުޖުތަމައުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެއެވެ.

- ކޮމެންޓް