ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 06:11
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއާ ލީގު
ފަހަތުން އަރައި ޓީސީން ސަސް ބަލިކޮށްފި
މި މެޗު ޓީސީން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ސަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ފުރަތަމަ މިނެޓުގައި މި ލަނޑު ސަސްއަށް ކާމިޔާބު ކޮށްދިނީ ނަސޫހު ރަޝީދު (ޕިލާ) އެވެ. މިއީ ސަސްގެ މުޙައްމަދު ޝަހާއުގެ އެހީތެރިކަމާއެކު ޕިލާ ކާމިޔާބުކުރި ލަނޑެކެވެ.

ސަސްގެ ލަނޑާއެކު ޓީސީން ކުޅުން ރަނގަޅުކޮށް ސަސްގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކުރިއެވެ. އެކަމަކު ލީޑު ފުޅާ ކުރަން ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ، ސަސްގެ ޔަސްފާދު ހަބީބް (މުލަކޭ) އަށެވެ. މުލަކޭ މުޅިން ހުހަށްހުރެ، ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ޑިފެންޑަރު އަޙްމަދު މާއިޝްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ސާމިއުއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުން ޓީސީ މޮޅުކޮށްދިން ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުއްޓިއެވެ. މިއީ ސަސްގެ އޭރިއާ ތެރެއިން އަޙްނަފް މުޙައްމަދު ތަސްމީން (ނަފްކޮ) އަށް ސަސްގެ ޑިފެންޑަރުން ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލީގުގައި ޓީސީން ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޓީސީންނެވެ. އެކަމަކު ފަހު ވަގުތު އީގަލްސްއިން ވަނީ ދެ ލަނޑު ޖަހާ މެޗުން މޮޅުވެފައެވެ.

- ކޮމެންޓް