"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކަށް "ރާއްޖެ ޓީވީ" ހަމަޖައްސައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ، ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ އިވެންޓް މެނޭޖިންގ ޕާޓްނަރަކަށް އޮފިޝަލް އިވެންޓްސް ހަމަޖައްސައިފައެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައި ވަނީ އޮންލައިން ނޫސް "އަދަދު" އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި، ކުޅިވަރު ކުރިއެރުވުމަށް ގައުމަށް ރީތި ނަން ހޯދައިދޭ އެތުލީޓުންގެ މަސައްކަތް ފާހަގަ ކުރުން ކަމަށެވެ.
މަޚްލޫފް ވިދާޅުވީ ސްޕޯޓްސް އެވޯޑްގެ ސަބަބުން އެއް އެސޯސިއޭޝަން އަނެއް އެސޯސިއޭޝަނަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ވާދަވެރިކަން މި އެވޯޑާއިއެކު އުފެދިގެންދާނެ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ނަން މަޝްހޫރު ކުރީގެ އަދި މިހާރުގެ އެތުލީޓުން ބައިވެރިވާނެ ކަމަށާއި، މި ހަފްލާ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ ހަފުލާއަށް ކަމަށެވެ. މަޚްލޫފް ވިދާޅުވީ މި އެވޯޑަށް ނަންތައް ނޮމިނޭޓު ކުރާނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަމަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ ނަމުގައި ހާއްސަ އެވޯޑެއް މި އަހަރު ބާއްވަން ނިންމާފައިވާއިރު މީގެ ކުރިން ސަރުކާރުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ ފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގައެވެ.