ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 19:00
ޖަރުމަނު ލީގުގައި ބަޔާން ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގުގައި ބަޔާން ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަނު ލީގު
ބަޔާން އާއި ޑޯޓުމުންޑަށްވެސް ފަސޭހަ މޮޅެއް
ގްރޮއިޓާގެ މައްޗަށް ބަޔާނުން ކުރިހޯދީ 4-1 ގެ ނަތީޖާއަކުން
މުންޗެންގްލަޑްބެކް އަތުން ޑޯޓުމުންޑު މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓުމުންޑު ކުޅުނު މެޗުތަކުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ބަޔާން މިއުނިކުން ގްރޮއިޓާ ފުރްތު އަތުން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ބަޔާނުން ކުޅުނު މެޗުގައި ލަނޑު ޖަހާ ފުރަތަމަ ލީޑު ނަގައިފައިވަނީ ގްރޮއިޓާ އިންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ބްރަނިމީރް ގްރޯޓާއެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ބަޔާނުން ވަނީ ހަތަރު ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބަޔާންއަށް ނަތީޖާ އެއްވަރު ކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ސާޖް ގްނަބްރީގެ އެހީތެރިކަމާއެކު ލެވަންޑޯސްކީ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ލީޑު ބަޔާނުން ނެގީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މިއީ ގްރޮއިޓާގެ ސެބަސްޓިއަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވެސް ލެވަންޑޯސްކީއެވެ. މިއީ މި ފަހަރުގެ ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 28 ވަނަ ލަނޑެވެ.

ބަޔާނުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުރު ވަގުތުގައި އެރިކް ޗުޕޯ މޯޓިންއެވެ. މިއީ ގްނަބްރީގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ޖަރުމަނު ލީގުގައި ޑޯޓުމުންޑު ކުޅުނު މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ މުންޗެންގްލަޑްބެކް އަތުން ޑޯޓުމުންޑު މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޑޯޓުމުންޑުގެ ކެޕްޓަން މާކޯ ރޮއިސް ވަނީ ދެ ލަނޑު ޖަހާ ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފައެވެ. ޑޯޓުމުންޑުގެ އަނެއް ލަނޑުތައް ޖަހައިދިނީ މެރިއަސް ވުލްފް، ޔޫސެފް މޫކޯކޯ، ޑޮންޔެލް މާލެން އަދި އެމްރޭ ޗާންއެވެ.

މި މެޗުގައި ވެސް އަނިޔާގެ ސަބަބުން ޑޯޓުމުންޑުގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ފެނިފައެއް ނުވެއެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓް ހޯދައިގެން ބަޔާންއެވެ. ދެވަނައިގައި އޮތް ޑޯޓުމުންޑަށް 23 މެޗުން 49 ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި އޮތް ބަޔާ ލެވަކޫސަންއަށް 23 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.

- ކޮމެންޓް