ކ. މާލެ
|
17 ފެބްރުއަރީ 2022 | ބުރާސްފަތި 23:40
ނަސްރުގެ ދުވަހު އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޚާއްސަ ދުވުމުގެ ތެރެއިން
ނަސްރުގެ ދުވަހު އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޚާއްސަ ދުވުމުގެ ތެރެއިން
އެމްއެންޑީއެފް
އިންޑިއާ އައުޓް ކެމްޕޭން
މިނިވަންކަން ނަގަހައްޓާނީ ދިވެހި ސިފައިން، އިންޑިއާ އައުޓް ކެމްޕޭނާއެކު ގައުމީ ސަލާމަތަށް ނުރައްކާވޭ: ޝަމާލް
އެ ކެމްޕޭނުގެ ސަބަބުން ދޭދޭ ގައުމުގެ މެދުގައި ނަފްރަތާއި ފިތުނައާއި ރުޅިވެރިކަން އުފެދޭ
ބޭރުގެ ގައުމުތަކާއެކު އަސްކަރީ ގިނަ ހަރަކާތްތައް ހިންގަނީ އަސްކަރިއްޔާ ބިނާކޮށް ވަރުގަދަ ކުރުމަށް
ގައުމުތަކާއެކު ތަފާތު ޖޮއިންޓް އެކްސަރސައިޒްތައް ކުރިއަށް ގެންދެވޭ

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ނަގަހައްޓާނީ ދިވެހި ސިފައިން ކަމަށާއި، މިހާރު ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނާއެކު ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ, މިހާރު ހިންގަމުންދާ އިންޑިއާ އައުޓް ކެމްޕޭނާ ގުޅޭގޮތުން ގައުމީ ދިފާއީ ބާރުގެ ލަފާދޭ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ވެސް އެކިއެކި ލެވަލްތަކުގައި އެކަމާބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި ހުރިހާ ލެވެލްއެއްގެ ސިފައިން ވެސް, މި ކެމްޕޭންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެގެން އަންނާނެކަން ފާހަގަކޮށްފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އެކަމުގެ ސަބަބުން ދޭދޭ ގައުމުގެ ތެރޭގައި ނަފްރަތާއި ފިތުނައާއި އަދި ރުޅިވެރިކަން އުފެދި, މައްސަލަތައް ޖެހުން ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ގައުމުތަކާ ގުޅިގެން ކުރިއަށް ގެންދަނީ ސެކިއުރިޓީ އޮޕަރޭޝަންތަކެއް ކަމަށާއި، ގައުމުގެ ދިފާއުގައި އަސްކަރީ ދިފާއީ ރޯލެއްގެ މަސައްކަތް އެއްވެސް ގައުމެއްގެ ބައެއް މިރާއްޖޭގައި ތިބެގެން ނުކުރާ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ނަގަހައްޓާނީ ދިވެހި ސިފައިން ކަމަށާއި، ދިވެހި ސިފައިން ތިބޭނީ އަބަދުވެސް ތައްޔާރަށް ކަމަށް ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން, އިންޑިޔާއާއި ލަންކާ އަދި އެހެނިހެން ބޭރުގެ ގައުމުތަކާއެކު އަސްކަރީ ގިނަ ހަރަކާތްތައް ހިންގަނީ އަސްކަރިއްޔާ ބިނާކޮށް ވަރުގަދަ ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި މީހުން ތަމްރީން ކުރުމާއި، މީހުން ބިނާކުރުމާއި ވަސީލަތްތަކުގެ އެހީތެރިކަން ހޯދުމާއި ތަފާތު ޖޮއިންޓް އެކްސަރސައިޒްތަކާއި އެކިކަހަލަ ތަމްރީންތައް ދޭ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނާއެކު ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ޝަމާލް ވިދާޅުވެފައިވާއިރު، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ގެންދަވާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށެވެ.

މިހަރަކާތުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން, ޚާރިޖީގޮތުން ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

- ކޮމެންޓް
18 ފެބްރުއަރީ 2022 | ހުކުރު 22:40
ޢަލީ
ޢާދޯ... ޙީވަނީ ޕިންކް ޕެންތާ އެނޑް ފްރެންޑްސް ހެން ގައުމު ދިފާއު ކުރާނީ...