ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާ އިންޑިޔާގެ އަލީގަޅު މުސްލިމް ޔުނިވަރސިޓީއާއެކު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި, މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އަލީގަޅު މުސްލިމް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެޖިސްޓަރ އަބްދުލް ހާމިދެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި އިލްމީ ކަންކަމާއި ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެއެވެ. ވަކިން ޚާއްސަކޮށް ދަރިވަރުންނާއި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ޓްރެއިނިންގ ސެޝަންތަކާއި ސެމިނާރ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދިޔުމާއި, އަދި ހަމަ އެހެންމެ ދެފަރާތުން ގުޅިގެން ރިސަރޗް ޕްރޮޖެކްޓްތައް ހިންގާނެއެވެ.
އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމިކ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.