ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި, ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން, ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް 2022 ފެބުރުވަރީ 16ވާ ބުދަ ދުވަހުން ފެށިގެން 2022 ފެބުރުވަރީ 19ވާ ހޮނިހިރު ދުވަހުގެ 12:00ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއި ވޯޓުލާ މަރުކަޒުތަކުގެ މައުލޫމާތުތައް ދިވެހި ސަރުކާރުގެ ގެޒެޓާއި މި މިނިސްޓްރީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެއެވެ.
ރީ-ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ފެބުރުވަރީ 16ވާ ބުދަ ދުވަހުން ފެށިގެން، 2022 ފެބުރުވަރީ 19ވާ ހޮނިހިރު ދުވަހުގެ 12:00ގެ ނިޔަލަށް، މިނިސްޓްރީގެ އީމެއިލް އައިޑީ [email protected] މެދުވެރިކޮށެވެ. ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ, ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާތިލު ކުރެވޭނެއެވެ.
މީގެ އިތުރުން، މި އިންތިޚާބުގެ ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި މިކަމާ ގުޅުންހުރި މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓާއި މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ.