ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްއިން އެޕާރޓްމެންޓް ބޭނުންވާ މީހުންނާއި، އެޕާރޓްމެންޓް ގަތުމަށް ސީލައިފަށް ފައިސާ ދެއްކި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން، ވިނަރެސްއިން އެޕާރޓްމެންޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީން ގެންދަނީ ކުރަމުންނެވެ. ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 76 މީހުންނެވެ. ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް 400 އަށްވުރެ ގިނަ މީހުން ވަނީ ހުށަހަޅާފައެވެ. އަދި ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 91 މީހުންނެވެ. މި ފޯމްތައް އެޗްޑީސީން ގެންދަނީ އިވެލުއޭޓް ކުރަމުންނެވެ.
މި މަސައްކަތްތަކާއި ގުޅޭ ގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ވިނަރެސް އެޕާޓްމެންޓުތައް ގަންނަން ބޭނުންވާ އާއްމުންނަށް އެފުރުސަތު ހުޅުވާނުލެވި ވަނީ އެފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އާއްމުންނަށް އެ ފުރުސަތު ހުޅުވާލެވި، ގާތްގަނޑަކަށް 1000 އެޕާރޓްމެންޓު އާއްމުންނަށް ދޫކޮށްލެވޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.
ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރުކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު، ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުންނާނެއެވެ. ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވި ނަމަވެސް އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑު ވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ވިނަރެސް އެޕާރޓްމެންޓެއްގެ ކުލި އުޅޭނީ ގާތްގަނޑަކަށް 17،000 ރުފިޔާގައެވެ. ފައިސާ ދެއްކުމަށް އެކި މޮޑެލްތައް ވަނީ ކަނޑައަޅާފައެވެ.
ވިނަރެސް އެޕާރޓްމެންޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑާރޑް ވިއު އެޕާރޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.