އަފްއާނިސްތާނާ ދެކޮޅަށް ކުޅުމަށް ރާއްޖޭ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު އާދީއްތަ ދުވަހު ދުބާއީއަށް ފުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ ޓީމު އާދީއްތަ ދުވަހު ދުބާއީ އަށް ފުރާއިރު، އަފްއާނިސްތާނާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ބޫޓާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ކުޅޭ ރަހްމަތްތެރިކަމުގެ މެޗަށްފަހު ދެން އެޓީމު ފުރާނީ ތައިލޭންޑްގެ ބެންގްކޮކަށެވެ. އެގޮތުން ބެންގްކޮކުގައި ހަދާ ތަމްރީންތަކަށްފަހު ދެން ގައުމީ ޓީމު އެނބުރި ދާނީ ރާއްޖެނައިސް ބޫޓާނަށް ކަމަށް އެފްއޭއެމް އިން ބުނެއެވެ. ރާއްޖެ ބޫޓާނާ ދެކޮޅަށް ކޮލިފައިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 12 ގައެވެ.
ރާއްޖޭ ގައުމީ ޓީމު ވަނީ ބޫޓާން މެޗަށް އަމާޒުކޮށް ފަރިތަކުރުންތަކެއް މާލޭގައިވެސް ކުރިޔަށް ގެންގޮސްފައެވެ. ކޮލިފައިންގައި ރާއްޖެ ފަލަސްތީނާ ދެކޮޅަށް މާލޭގައި މެޗެއް ކުޅެފައިވާއިރު، އެ މެޗުން ރާއްޖެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗަށް ރާއްޖެ ނިކުތީ ރަހްމަތްތެރިކަމުގެ މެޗެއް ނުކުޅެ މަދު ތަމްރީންތަކަކާއެކުގައެވެ. އެހެންނަމަވެސް ބޫޓާން މެޗަށް ދުރާލާ ގައުމީ ޓީމުން ތަމްރީންތައް ފަށާފައިވާއިރު، ރަހްމަތްތެރިކަމުގެ މެޗެއް ބޭރުގައި ކުޅުމުގެ އިތުރުން ބެންގްކޮކްގައި ތަމްރީން ކޭމްޕެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރު ގައުމީ ޓީމަށް ގިނަ ރަހްމަތްތެރިކަމުގެ މެޗުތައް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ރަނގަޅު ޕްލޭނެއް ސީދާ ޓީމަށް އެކުލަވާލާފައިވާނެ ކަމަށް ގައުމީ ޓީމުގެ ކޮމެޓީގެ ޗެއާމަން އަލީ ނާޝިދު (އޮގަރު އައްޔަ) ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.