އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 15 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.
ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން 96 އެމްބިއުލާންސް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ދެ ފަހަރެއްގެ މަތިން 41 އެމްބިއުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ވަނީ ފޮނުވާފައެވެ. ބާކީ ހުރި 55 އެމްބިއުލާންސްގެ ތެރެއިން ތިން ވަނަ ބެޗްގެ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 8 ވީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އަދި ވަރަށް އަވަހަށް މިއެމްބިއުލާންސްތައް ރަށްތަކަށް ފޮނުވާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މި އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްބިއުލާންސްތައް ފޮނުވާ ރަށްތަކަކީ ހއ.ތުރާކުނު، ހއ.ވަށަފަރު، ހއ.ބާރަށް، ހުޅުމާލެ ހޮސްޕިޓަލް، ހދ.ކުޅުދުއްފުށި، ޅ.ކުރެންދޫ، ކ.ކާށިދޫ، އއ.ފެރިދޫ، މ.މުލައް، ދ.މީދޫ، ދ.މާއެނބޫދޫ، ލ.މާބައިދޫ، ލ.ގަން، ގއ.މާމެންދޫ އަދި ގދ.ވާދޫ އަށެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ މާޗް ނިމޭ ހިސާބުގައި ބާކީ ހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
މިކަމަށް ވެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 20 ރަށަކަށް އެމްބިއުލަންސް ވަނީ ފޮނުވާފައެވެ. އޭގެފަހުން އަހަރު ނިމެންދަނިކޮށް ޑިސެމްބަރ މަހު އިތުރު 20 އެމްބިޔުލާންސް ރާއްޖެ ގެނެސް ރަށްތަކަށް ވަނީ ފޮނުވާފައެވެ.
އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާފައެވެ. ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސް އާއި ހިއްސާކުރައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެމްބިއުލަންސް ނެތުމުގެ މައްސަލައެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.