ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމުގެ އިތުރުން, ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި މި މަޝްރޫއަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
