އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑަށް އިތުރު ޕްރެޝަރަކާ ކުރިމަތިވިއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީން ފަސޭހަކަމާއެކު ނޮރިޗް ސިޓީ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި މާކަސް ރެޝްފޯޑްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ.
ކުރިން ޔުނައިޓެޑުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ޔުނައިޓެޑުންގެ ޑިފެންޑަރުން ހެދި ގޯސް މި މެޗުގައި ވެސް ވަނީ ތަކުރާރުކޮށްފައެވެ. އޭގެ ފައިދާ ނަގާ މެޗުގެ 48 ވަނަ މިނެޓުގައި ސައުތެމްޓަނުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗޭ އެޑަމްސްއެވެ.
ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެވަނަ ހާފުގައި ލަނޑު ޖެހި ނަމަވެސް އެ ލަނޑު ބަލައި ނުގަތީ އޮފްސައިޑް ވުމުންނެވެ. މިއީ ރޮނާލްޑޯގެ ކެރިޔަރުގައި 2009 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ފަސް މެޗު ލަނޑެއް ނުޖެހި ނިންމާލި ފުރަތަމަ ފަހަރަށެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ސިޓީން ވަނީ ރަށުން ބޭރުގައި ނޮރިޗް އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މި މެޗު ފަށައިގެން ސިޓީން ނޮރިޗްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ 31 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ލަނޑު ޖަހާ ސިޓީއަށް ލީޑު ނަގައިފައެވެ. އެކަމަކު ފުރަތަމަ ހާފުގައި ސިޓީއަށް އިތުރު ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ފިލް ފޯޑެން ވަނީ ލަނޑު ޖަހާ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ސިޓީން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ. މިއީ ރުބެން ޑިއާޒްގެ އެހީތެރިކަމާއެކު ސްޓާލިން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސްޓާލިން ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ސްޓާލިން ފޮނުވާލި ބޯޅަ ނޮރިޗްގެ ކީޕަރު އެންގަސް ގަން އަތުގައި ޖެހިފައި ނުކުތް ވަގުތު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާތަކާއެކު ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން 47 ޕޮއިންޓް ވަނީ ލިބިފައެވެ. ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށާއި، ފަސްވަނައިގައި އޮތް ޔުނައިޓެޑަށް 24 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.