ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 18:54
ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)
ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)
ރާއްޖެ އެމްވީ
ގައުމީ ވޮލީ ޓީމު
ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ރަނޭ
 
މިއަހަރު ކުޅޭނެ އެކުވެރިކަމުގެ މެޗުތަކާއި، ޓްރެއިނިންގ ކޭމްޕްތައް ވަނީ ހަމަޖެހިފައި
 
ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައު ކޯޗު ޓީމާ ގުޅޭނެ

ގައުމީ ވޮލީބޯޅަ ޓީމަށް ހަމަޖައްސާފައިވާ ބްރެޒިލްގެ ކޯޗު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓީމާ ގުޅޭނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ވީއޭއެމުން އަންނަނީ ގައުމީ ޓީމަށް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ހޯދައިދީ ތަމްރީން ހެދުމަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ އެހީތެރިކަމާއެކު ގައުމީ ޓީމަށް ބްރެޒިލްގެ ކޯޗެއް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ގައުމީ ބީޗްވޮލީ ޓީމާވެސް ދާދި ފަހުން ހަވާލުވެފައިވަނީ ބްރެޒިލްގެ ކޯޗެކެވެ. ގައުމީ ބީޗްވޮލީ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗަކީ ވިނީޝިއުސް މާޓިންސްއެވެ. ވިނީޝިއުސް އަކީވެސް އެފްއައިވީބީގެ އެހީތެރިކަމާއެކު ހަމަޖެއްސި ކޯޗެކެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ހުކުރު ދުވަހު ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ރަނޭ ވިދާޅުވީ، ގައުމީ ވޮލީޓީމުގެ އައު ކޯޗު ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށެވެ. އަދި ވީއޭއެމްގެ ވިސްނުމަކީ ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ކުޅެ ޓީމަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް ހުއްޓައިނުލާނެ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި އައު ކޯޗު ޓީމާ ގުޅުމުން ފަރިތަކުރުންތައް ރާވާނީ އޭނާ ކަމަށް ރަނޭ ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ، މިއަހަރު ރާއްޖެއިން ކުޅޭނެ އެކުވެރިކަމުގެ މެޗުތަކާއި، ތަމްރީން ދަތުރުތައް މިހާރު އޮތީ ޕްލޭން ކުރެވިފައި ކަަމަށެވެ.

ރަނޭ އިތުރަށް ވިދާޅުވީ، އެކުވެރިކަމުގެ ސިލްސިލާ މެޗުތައް ސަރަހައްދީ އެހެން ގައުމުތަކާ ދެކޮޅަށް ކުޅުމުގެ ވިސްނުންވެސް އެބަހުރި ކަމަށެވެ. ރާއްޖެއާ ވާދަކުރެވޭ ފެންވަރުގެ ޓީމުތަކާއި ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީވެސް ޓީމަށް ލިބޭ ކުރިއެރުމެއްކަން ރަނޭ ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ވީއޭއެމްގެ ރައީސްކަމާ ރަނޭ ހަވާލުވެ، ވަނީ އެސޯސިއޭޝަންގެ ހިންގުމާއި ގައުމީ ޓީމުތަކަށް މުހިންމު ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން އުފައްދަން އެކްސެލެންސް ޕްރޮގްރާމް ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް