ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 18:01
ޔުނައިޓެޑާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް
ޔުނައިޓެޑާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް
ގެޓީ އިމޭޖަސް
މެންޗެސްޓާ ޔުނައިޓެޑް
އަންނަ ސީޒަނަށް ޔުނައިޓެޑަށް ފޯވަޑުން ބޭނުންވޭ
އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑަށް މޮޅެއް ލިބިފައެއް ނުވޭ

އަންނަ ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑް ޓީމު ވަރުގަދަ ކުރުމަށް އެންމެ މުހިންމީ ފެންވަރު ރަނގަޅު ފޯވަޑެއް ގަތުން ކަމަށް އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

ޔުނައިޓެޑުން މި ފަހުން ކުޅުނު ދެ މެޗުގައި ވެސް މޮޅެއް ނުލިބުނުއިރު، ލިބޭ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ރަންގްނިކަކީ އޭނާ ހުރި ކުލަބުތަކުގައި ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމުގައި ތަފާތު ދައްކާފައިވާ ސްޕޯޓިންގ ޑިރެކްޓަރެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން ރަންގްނިކްގެ އެހީ ހޯދައިގެން އަންނަ ސީޒަނަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ބޮރޫޝިއާ ޑޯޓުމޮންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްއެވެ. މީގެ ކުރިން ރެޑްބުލް ސަލްޒްބާގަށް ހާލަންޑް ގަންނަން މެދުވެރިއެއްގެ ރޯލު ކުޅުނީ ރަންގްނިކްއެވެ.

ރަންގްނިކް ބުނީ މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކުޅެމުން އަންނަ އެޑިސަން ކަވާނީގެ ކޮންޓްރެކްޓް ހަމަވާ ކަމަށާއި، އަދި ދެން ހުރި ކަންކަމަށް ބަލާއިރުވެސް ޔުނައިޓެޑަށް އެންމެ މުހިންމީ މިވަގުތައް ފޯވަޑެއް ކަމަށެވެ. އަދި އެއީ ހަމައެކަނި ފޯވަޑަކަށް ވެގެން ނުވާނެ ކަމަށާއި، ލިބެން ހުރި އެންމެ މޮޅު ފޯވަޑެއް ގެނައުން މުހިންމު ކަމަށެވެ.

ރަންގްނިކް ފޯވަޑެއް ގަންނަން ޖެހޭ ކަމަށް ބުނި އަނެއް ސަބަބަކީ ލޯނު އެއްބަސްވުމެއްގެ ދަށުން ސެވިއްޔާއަށް ދޫކޮށްލި އެންތަނީ މާޝިއަލްގެ ދާއިމީ ކޮންޓްރެކްޓެއްގައި މިސީޒަން ނިމުމުން ދޫކޮށްލާނެ ކަމަށް ބެލެވިފައި އޮތުމާއި، ގެވެށި އަނިޔާގެ މައްސަލައެއްގައި ތާށިވެފައިހުރި ޒުވާން ފޯވާޑް މޭސަން ގްރީންވުޑްގެ ފުޓުބޯޅަ ކެރިއަރު ދެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެތޯ ސުވާލު އެފެދިފައިވުމެވެ.

މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި ރަންގްނިކް ދެން ހަވާލުވާން ނިންމާފައި އޮތީ ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކާއެވެ. އެކަމަކު، ކޯޗަކަށް އޭނާ ހުންނަ މުއްދަތު އިތުރު ކުރުމުގެ އިހުތިޔާރު ވެސް ޔުނައިޓެޑްގެ ބޯޑަށް އެބައޮތެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރަންގްނިކް ކޯޗަކަށް ހުންނަ މުއްދަތު އިތުރު ނުކުރާނެ އެވެ. ޔުނައިޓެޑުން ފާރަލަމުން އަންނަ ކޯޗުންގެ ލިސްޓުގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސްޕެއިން ގައުމީ ޓީމާ ހަވާލުވެ ހުރި ލުއިސް އެންރީކޭ ހިމެނެއެވެ.

- ކޮމެންޓް