ޖެންޑަރ މިނިސްޓްރީއަށް އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ޚިލާފަށް ބަލައިގަނެ، އެ ފައިސާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.31 ވަނަ މާއްދާގެ (ނ) ގައި ދައުލަތުގެ އޮފީހަކުން ހިންގާ ކަމަކަށް ނުވަތަ ދައުލަތުގެ އޮފީހަކާއި ގުޅިގެން ބޭރުގެ ފަރާތަކުން ހިންގާ ކަމަކަށް ނުވަތަ އަމިއްލަ ފަރާތަކުން ދޭން ބޭނުންވާ އެއްޗެއް ގަތުމަށް ފައިސާ ދިންކަމުގައި ވިޔަސް، އެ ފައިސާ އެ އޮފީހަކަށް ބަލައިގަނެ ރަސީދެއް ދޫކުރަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އާއި އޮފީހުގެ މުވައްޒަފަކު ހަވާލުވެ ތަކެތި ގަނެދީ ހަދައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، 5.15 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު 6.21 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ޚަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، އަދި މި ނޫންވެސް ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ ފައިސާ ބަހައްޓަންވާނީ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރުގައި ރާއްޖޭގައި ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ދިން 15,000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އެހީއާއި މިނިސްޓްރީގެ ފަރާތުން ހަވާލުވެފައިވާއިރު، ފައިސާ ލިބުނުކަމުގެ ރަސީދެއް ތައްޔާރުކޮށްފައި ނުވާކަމާއި، އެފައިސާ ގަވާއިދާ އެއްގޮތަށް އޮފީހުގެ ހިސާބުތަކަށް ވައްދާފައި ނުވާކަމާއި، އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށެވެ. ރިޕޯޓުގައި ބުނީ މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި އެކުދިން ތިބޭ މަރުކަޒުތަކަށް ހަދިޔާ ދިނުމާއި ބަލައިގަތުމާއި ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ފައިސާ ބަލައިގަނެފައިވާ ކަމަށެވެ. އަދި ފައިސާ ލިބުނުތާ 6 މަސް ފަހުން މިނިސްޓްރީގެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓުން ފިހާރަތަކަށް ޓްރާންސްފަރ ކޮށްގެން ތަކެތި ގަނެފައިވާ ކަމަށާއި، އެ މުވައްޒަފު ތަކެތި ގަނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ތަކެތި ގަތުމުގެ ކުރިން ނަގަން ޖެހޭ ހުއްދަތައް ހޯދުމަކާ ނުލައިކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އިސްލާހުކުރަން ލަފާ ދިންގޮތަށް ބަލާއިރު، މިނިސްޓްރީން ހިންގާ ކަމަކަށް ނުވަތަ މިނިސްޓްރީއަށް އަމިއްލަ ފަރާތަކުން ފައިސާގެ އެހީއެއް ދީފިނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ޖަމާކުރެވޭހާ ވަގުތު އޮއްވައި ލިބިއްޖެނަމަ، އެ ފައިސާއެއް ލިބޭ ދުވަހު އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމަށް ވަނީ އެދިފައެވެ. އަދި 6.21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާއާއި، ޚަރަދަށް ނަގާ ފައިސާގެ ތެރެއިން ހަވާލުނުކުރެވި ހުންނަ ފައިސާއާއި، އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދާ ފައިސާއާއި، އަދި މިނޫން ވެސް ދައުލަތުގެ ހަވާލުގައި ބަހައްޓަންޖެހޭ ފައިސާ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގ ރޫމެއްގައިމަށް ބެހެއްޓުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ މައްސަލަ ބެލުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި މިކަމުގައި އިހުމާލުވި މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީއަށް ވެސް ހުށަހެޅުމަށް އެދިފައިވެއެވެ.