ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 17:32
އިންޑިއާގެ އެއަރޕޯޓެއް
އިންޑިއާގެ އެއަރޕޯޓެއް
ރޮއިޓަރސް
އިންޑިއާއަށް ދަތުރުކުރުން
ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރުމަށްފަހު ކަރަންޓީންވާން ނުޖެހޭގޮތަށް އުސޫލު ކަނޑައަޅައިފި
އިންޑިޔާގައި ކަރަންޓީންވާން ނުޖެހޭގޮތަށް ކަނޑައަޅާ ނެރުނު ލިސްޓުގައި 82 ޤައުމެއްގެ ނަން ހިމަނާފައިވޭ
އިންޑިޔާއަށް އެތެރެވާ މީހުން އަމަލުކުރަން ޖެހޭ އައު އުސޫލްތަކެއްވަނީ އާންމު ކޮށްފައި
އައު އުސޫލުތަކަށް އަމަލުކުރަން ފަށާނީ ފެބްރުއަރީ 14 ވަނަ ދުވަހު

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އިންޑިއާއަށް ދަތުރުކުރުމަށްފަހު 7 ދުވަހު ކަރަންޓީންވާން ނުޖެހޭގޮތަށް އެ ޤައުމުން އުސޫލު ކަނޑައަޅައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ވަނީ އެޤައުމުން މިގޮތަށް އުސޫލު ކަނޑައަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ. އެ ޤައުމުން ކަރަންޓީންވާން ނުޖެހޭގޮތަށް ކަނޑައަޅާ ނެރުނު ލިސްޓުގައި 82 ޤައުމެއްގެ ނަން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ބަންގްލަދޭޝް، މެލޭޝިޔާ، ނިއުޒިލޭންޑް އަދި ސައުދީއަރަބިއްޔާ ހިމެނެއެވެ.

ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އިންޑިއާ ގަޑިން ދަންވަރު 12އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް އޭރު ވަނީ އުސޫލު ކަނޑައަޅާފައެވެ.

އެ ގައުމަށް ދަތުރުކުރާ ފަރާތްތައް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހިމަނައި ހުށަހަޅާ މައުލޫމާތުގެ ސައްހަކަމަށާއި، ކޮވިޑާ ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިގުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް އަމަލުކުރުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް