ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 16:55
ދެކުނު ޗައިނާ ކަނޑުގައި ހަދާފައިވާ ރަށެއް. ޗައިނާއިން ބުނަނީ އެ ސަރަހައްދުގެ މިލްކްވެރިއަކީ ޗައިނާ ކަމަށް
ދެކުނު ޗައިނާ ކަނޑުގައި ހަދާފައިވާ ރަށެއް. ޗައިނާއިން ބުނަނީ އެ ސަރަހައްދުގެ މިލްކްވެރިއަކީ ޗައިނާ ކަމަށް
ގެޓީ އިމޭޖަސް
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް
މި ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ ވަނީ ހޫނުވެފައި

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހަދާފައިވާ ރައްތަކުގައި މިލިޓަރީ ހަރަކާތްތައް ހިންގަން ޖާގަ ނުދޭނޭ ކަމަށް ބުނެ އެމެރިކާއިން ޗައިނާއަށް އިންޒާރު ދީފިއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ސިންގަޕޫރުގައި ކުރިއަށް ދިޔަ ސެކިއުރިޓީ ކޮންފަރެންސްއެއްގައި މިކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދެކުނު ޗައިނާ ކަނޑުގައި ހަދާފައިވާ ރައްތަކުގައި މިލިޓަރީ ހަރަކާތް ޗައިނާއިން ހިންގާ ނަމަ ސަރަހައްދުގެ ހަމަޖެހުމަށް ބުރޫ އަރާނެ ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ.

މުއްސަނދި ގުދުރަތީ ވަސީލަތްތައް ލިބިފައިވާ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ޗައިނާ އިން ބުނާ ގޮތުގައި ޗައިނާގެ މިލްކްވެރި ސަރަހައްދެކެވެ. އަނެއް ކޮޅުން ޗައިނާގެ މިލްކުވެރިކަމަށް އެތައް ގައުމަކުން އަންނަނީ ގޮން ޖަހަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގަމުންދާ ކަންކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އިރު އަނެއް ކޮޅުން އެމަނިކުފާނުވަނީ، އުތުރު ކޮރެއާއިން ހިންގަމުންދާ މިސައިލް ހަރަކާތްތައް ކޮންޓްރޯލް ކުރުމުގައި ޗައިނާއިން އަދާކުރާ ދައުރަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އުތުރު ކޮރެއާއިން ހިންގަމުންދާ މިސައިލް ޕްރޮގްރާމްއާއި ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި އދ ގެ ސެކިއުރިޓީ ކައުންސިލް އިން އުތުރު ކޮރެއާ އާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން ނިންމީ ޗައިނާ އާއި އެމެރިކާ އާ ދެމެދު ކުރެވުނު ދިގު މަޝްވަރާ ތަކަކަށް ފަހުގައި ކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ސިންގަޕޫރުގައި ކުރިއަށްދާ "ޝަންގްރިއްލާ ޑައިލޮގް" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ވިދާޅުވީ، ކަނޑުގެ ސަރަހައްދުތަކުގެ މިލްކްވެރިކަން ބޮޑުކުރަމުން ގެންދިއުމާއި މަސްނޫއީ ރައްތަކުގައި މިލިޓަރީ ހަރަކާތް ހިންގުމަށް އެމެރިކާއިން ހުރަސް އަޅާނެ ކަމަށެވެ.

ޗައިނާއިން ބުނަމުންދަނީ އެގައުމުގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

- ކޮމެންޓް