Advertisement
ހ.އ ދިއްދޫ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 17:12
ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް
ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް
އެމްޓީސީސީ
ހަންޏާމީދޫ އާއި ހުޅުދެލީގެ ބަނދަރު ތަރައްގީކުރުން
ހަންޏާމީދޫއާއި ހުޅުދެލީގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ
ހަންޏާމީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫއެއް
ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 45.8 މިލިއަން ރުފިޔާގެ މަޝްރޫއެއް

އދ. ހަންޏާމީދޫއާއި ދ. ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި, ހަންޏާމީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 67 އިންސައްތަ މަސައްކަތް ވަނީ ނިމިފައިއެވެ. އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް, ފެބްރުއަރީ 10ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށާއި, ބޭރުތޮށި ލުމުގެ މަސައްކަތުގެ 91 ޕަސެންޓް ވަނީ ނިމިފައިކަމަށެވެ. ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން, މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށާއި, އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށެވެ. އަދި ޕޭވިންގ މަސައްކަތުގެ ބޮޑުބައެއް ނިމި، މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައްކަމަށެވެ.

ހަންޏާމީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމެވެ. އަދި 1,330 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތެވެ.

Advertisement

ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 337 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1645 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ

ހަންޏާމީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 45.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހުޅުދެލީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް - އެމްޓީސީސީ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް