ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އެގްޒެކެޓިވް ކޮމެޓީގެ ދާއިމީ ކޮމެޓީތަކަށް ރާއްޖޭގެ އަށް މެމްބަރުން އައްޔަންކޮށްފިއެވެ.
އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.
ދާއިމީ ހަތް ކޮމެޓީތަކުގެ ތެރެއިން ހަތަރު ކޮމެޓީއެއްގެ ޗެއާމަންކަމަށް ރާއްޖޭގެ ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ. ތިން ކޮމެޓީއެއްގެ ސެކެޓްރީއަކަށް ރާއްޖޭގެ ދެ މެމްބަރުން އައްޔަންކޮށްފައިވެއެވެ. އަދި ކޮމެޓީތަކުގެ މެމްބަރުންގެ ގޮތުގައިވެސް ދެ ދިވެހީން ވަނީ އައްޔަންކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކާވާގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ، ކޮމިޓީތަކަށް އައްޔަންކުރި މެމްބަރުންނަށް ކާވާގެ ހިންގާ ކޮމެޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. އަދި ކާވާގެ އާންމު ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމެޓީތަކަށް އެ ކޮމެޓީތަކުގެ މަސައްކަތް ކުރުމަށް މިނިވަން މާހައުލެއް ލިބިގެންދާނެކަމަށެވެ.
ކާވާގެ ދާއިމީ ކޮމިޓީތަކަށް ހޮވި ރާއްޖޭގެ މެމްބަރުން:
- އަހުމަދު ނަޝީދު: އިވެންޓްސް އެންޑް ރެފްރީސް ކޮމިޓީ ފޯ ވޮލީބޯލް (މެމްބަރު)
- އިސްމާއިލް ރިފާއު: އިވެންޓްސް އެންޑް ރެފްރީސް ކޮމިޓީ ފޯ ބީޗް ވޮލީބޯލް (މެމްބަރު)
- މުހުތާޒް މުހްސިން: ޑިސިޕްލިނަރީ ކޮމިޓީ (ޗެއާމަން)
- އިބްރާހިމް މާހިދު (ކާވާ ގާނޫނީ ވަކީލު): ޑިސިޕްލިނަރީ ކޮމިޓީ/އެޕީލް ކޮމިޓީ (ސެކްރެޓަރީ)
- މުހައްމަދު ރިޔާޒް: އެޕީލް ކޮމިޓީ (ޗެއާމަން)
- ހުސައިން ފަރިޔާޒް: ޕްރެސް ކޮމިޓީ (ޗެއާމަން)
- މުހައްމަދު ނޫރައްދީން: ޕްރެސް ކޮމިޓީ (ސެކްރެޓަރީ)
ކާވާގެ ރައީސްގެ ހައިސިއްޔަތުން މެމްބަރު ފެޑަރޭޝަންތަކުގެ މެދުގައި ގުޅުން ބަދަހި ކުރައްވަން ލަތީބެ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ވަނީ ލަތީބެއަށް ތައުރީފް ކުރައްވާފައެވެ.