ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 16:38
އޮރެންޖް ހިޔާގެ ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިމިފައި
އޮރެންޖް ހިޔާގެ ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިމިފައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީގެ މަސައްކަތް
އޮރެންޖް ހިޔާ ބޭނުން ކުރަން ފެށޭނީ މާޗް މަހުގެ ތެރޭގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި
މިހާރު ކުރިއަށް ދަނީ ލިފްޓް ހެދުމުގެ މަސައްކަތް
މިދަނޑިވަޅަކީ ޕޭޝަންޓުން ބަދަލު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫން
މިހާރު ކޮވިޑް ފެސިލިޓީ ގާއިމު ކުރަމުންދާ އޮރެންޖް ހިޔާއަކީ ކުރީގެ ޑިސްޓްރިބިއުޝަން ސެންޓަރެއް

އޮރެންޖް ހިޔާއަށް ޕޭޝަންޓުން ބަދަލުކުރެވި، ބޭނުން ކުރަން ފެށޭނީ މާޗް މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ, އޮރެންޖް ހިޔާގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި، ލިފްޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެތަން ބޭނުންކުރެވޭވަރު ވާނީ މާޗް މަހުގެ ތެރޭގައިކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ, ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ގިނަ އަދަދެއްގެ ޕޭޝަންޓުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި، މިދަނޑިވަޅަކީ ޕޭޝަންޓުން ބަދަލު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އެތަނުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މާޗް މަހުގެ ތެރޭގައި އޮޕަރޭޓް ކުރެވި ބަލި މީހުންނަށް އެތަނުގައި ފަރުވާ ދެވޭވަރު ވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާޗް މަހުގެ ތެރޭގައި އޮރެންޖް ހިޔާ ބޭނުންކުރަން ފަށާނެ ކަަމަށް ބުނެފައިވާއިރު، ޖެނުއަރީ މަހުގެ 11 ވީ އަންގާރަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެތަން ބޭނުންކުރަން ފަށާނެ ކަމަށެވެ.

އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީގެ މަަސައްކަތާއި ބެހޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ, މަސައްކަތް ނިންމުމަށްފަހު 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެ ފެސިލިޓީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފެސިލިޓީ އޮޕަރޭޓް ކުރާ ހުޅުމާލެ ހޮސްޕިޓަލުގެ ރިކުއެސްޓަކަށް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ބައެއް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މިހާރު ކޮވިޑް ފެސިލިޓީ ގާއިމު ކުރަމުންދާ އޮރެންޖް ހިޔާއަކީ ކުރީގެ ޑިސްޓްރިބިއުޝަން ސެންޓަރެކެވެ. މީގެ ކުރިން އެތަން ބޭނުންކޮށްފައިވަނީ ބިދޭސީން ކަރަންޓީން ކުރުމަށެވެ. ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި އެތަން ބޭނުންކުރަން ކުރަން ނިންމާފައިވަނީ ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާ ގުޅިގެންނެއެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކޮށް ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިއީ 270 އެނދުގެ ޖާގައިގެ ފެސިލިޓީއެކެވެ.

- ކޮމެންޓް