ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލެސިޓީގެ މިސްކިތްތައް މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން މިސްކިތްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ހޯމަ ދުވަހުން ފެށިގެން އެމަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިމަސައްކަތް ކުރަމުންދާނީ ހަމައެކަނި ރަމަޟާން މަހަށް ޚާއްސަކޮށްގެން ނޫން ކަމަށާއި، ކުރިއަށް އޮތްތަނުގައި މިސްކިތްތައް މަރާމާތުކުރުމާއި، އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށްގެން 32 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. ވިލިމާލޭ މަސްޖިދުލް ބިއްރި މަރާމާތު ކުރަން ފަށާފައިވާ ކަމަށާއި އަދި ޝަހީދު ޢަލީ މިސްކިތުގެ މަރާމާތުގެ މަސައްކަތް ފަށާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން މިސްކިތުގެ ހަލާކުވެފައި ހުރި ޓައިލްސްތައް ނައްޓައި ޓައިލްސް އާކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، ފަންކާ، ލައިޓް، އޭސީ އަދި ސައުންޑްގެ މައްސަލަ ހުރި ނަމަ އެމައްސަލަތައް ހައްލު ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މިމަސައްކަތްތަކާއި ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ 43 މިސްކިތް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސައިދީފައިވަނީ 1 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިސްކިތްތަކުގެ މަރާމާތަށް ގާތްގަނޑަކަށް 13 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ފަށާފައިވަނީ ހަމައެކަނި ސަރުކާރުން ދިން ބަޖެޓަށް ބަލައިގެން ނޫން ކަމަށާއި ކައުންސިލުގެ އާމްދަނީ ބަޖެޓުން ވެސް އެކަމަށް ފައިސާ ބޭނުންކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތް ކުރުމުގައި އާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ރަމަޟާން މަހަށް ޚާއްސަކޮށްގެން މިސްކިތްތައް އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، 32 މިސްކިތެއްގެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމަށް މިހާރު ވަނީ އަމާޒު ހިފާފައެވެ.