ލަތާ މަންގޭޝްކަރަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރެއިން ގުނާލެވޭ ލަވަކިޔުންތެރިއެކެވެ. އޭނާ ވަނީ ލަވަކިޔުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއްވެސް ހާސިލްކޮށްފައެވެ. ލަތާ ވަނީ ގިނަ އަދަދެއްގެ ލަވަތައް ކިޔައި ބެލުންތެރިންގެ ހިތްތައް އަތުލާފައެވެ. އޭނާގެ ރީތި އަޑުން އެއް އެތައް ހާސް ލަވަތަކެއް ކިޔާފައިވެއެވެ.
ލަތާ ވަނީ އޭނާގެ ކާމިޔާބު ކެރިއަރުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. 36 ބަހަކުން ހާހަކަށްވުރެ ގިނަ ލަވަ ރެކޯޑު ކޮށްފައިވާއިރު، އޭނާގެ ލަވަތަކަކީ ބެލުންތެރިންގެ މެދުގައި ނުހަނު މަޤްބޫލު ލަވަތަކެއްވެސްމެއެވެ. އޭނާގެ ޖަނާޒާގެ ކަންކަންވެސް ކުރިއަށް ގެންދިޔައީ ދައުލަތުގެ އިއްޒަތާއި ޝަރަފާއެކުއެވެ. ދެ ދުވަހުގެ ހިތާމަފާޅު ކުރުންވެސް އެ ގައުމުގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވެއެވެ. ހަމައެއާއެކު ގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ލަތާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ.
މޯދީ ވަނީ ލަތާގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވަތަކަކީ ތަފާތު އެކި ޝުއޫރުތަކާއި ޖަޒުބާތުތަކާއި ގުޅުވައިދޭ ލަވަތަކެއްކަމަށް ވިދާޅުވެ، އޭނާއަކީ އިންޑިއާގެ ކުރިއެރުމަށްވެސް ނުހަނު ވިސްނި ފަންނާނެއްކަމަށް ވިދާޅުވެފައެވެ.
ބޮލީވުޑްގެ އެކި ފަންނާނުންވެސް ވަނީ ލަތާގެ ޖަނާޒާގައި ބައިވެރިވެ، އެ ގައުމަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވެފައެވެ. ހުރިހާ ފަންނާނުންވެސް ވަނީ ގެއްލިގެން ދިޔައީ އަގުނުކުރެވޭފަދަ ގާބިލު، ހުނަރުވެރި, އަދި ހުރިހާ އެންމެންގެ ހިތްތަކުންވެސް ލޯތްބާއި ޚާއްސަ ގަދަރެއް ހޯދާފައިވާ ލަވަކިއުންތެރިއެއްކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އެ ޒަމާނުގެ އެކްޓަރ ހެމާ މާލިނީވެސް ހިމެނެއެވެ. ހެމާ ވަނީ ލަތާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ނަސީބެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދްވެސް ވަނީ ލަތާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ފާހަގަ ކުރައްވައި، އެއީ އެތައް މިލިއަން ބަޔަކަށް ވޭން ގެނުވާނެ ޚަބަރެއްކަމަށް ވިދާޅުވެފައެވެ. އިންޑިއާގެ ރައީސް ވަނީ ލަތާގެ ލަވަތަކަށްވެސް ނުހަނު ތައުރީފު ކުރައްވާފައެވެ.
ލަތާ މަންގޭޝްކަރަކީ ކްރިކެޓަށް އަބަދުވެސް ލޯބި ކުރި ފަރާތެކެވެ. އިންޑިއާގެ ކްރިކެޓު ޓީމުގެ ކުރީގެ ކެޕްޓަން ވިރާތު ކޯލީ ބުނާ ގޮތުގައި ލަތާގެ ލަވަތަކުން ވަނީ އެތައް މިލިއަން ބައެއްގެ ހިތްތައް އަތުލާފައެވެ.
މެދުތެރޭ އިންޑިއާގެ މަދްޔަ ޕްރަދޭޝްއަށް އުފަން ލަތާ މިއުޒިކަށް ޝައުގުވެރިކަން އުފެދި ލަވަކިޔަން ދަސްކުރަން ފަށާފައިވަނީ އުމުރުން 5 އަހަރުގައެވެ. އެންމެ ފުރަތަމަ އޭނާއަށް ލަވަކިޔަން ދަސްކޮށްދިނީވެސް އޭނާގެ ބައްޕަ ދީނާނާތު މަންގޭޝްކަރްއެވެ. ދީނާނަތަކީ އޭރު ހިންދީ ސިނަމާގެ ދުނިޔޭގައި އެންމެން ދަންނަ ފަރާތެކެވެ.
ބައްޕަ ދީނާނާތުގެ މަރަށްފަހު ލަތާއާއި އޭނާގެ އާއިލާ ބަދަލުވީ މުމްބާއީއަށެވެ. އެހިސާބުންވެސް ވަނީ ލަވަކިޔަން ދަސްކުރުން ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ. ޒުވާން އުމުރުގައި އޭނާ ވަނީ މަރާތީ ފިލުމުތަކަށް ލަވަތައް ކިޔަން ފަށާފައެވެ. އޭނާގެ އަޑު ފުރަތަމަ މަޝްހޫރުވެގެން ދިޔައީ ބޮލީވުޑްގެ ފިލުމު "މަހަލް"އަށް އޭނާ ކިޔާދިން "އާއޭގާ އާނޭވާލާ" މި ލަވައިންނެވެ. އެއީ 1949 ވަނަ އަހަރެވެ. އެހިސާބުން ކޮންމެ އަންހެން އެކްޓަރެއްވެސް ބޭނުންވަނީ ލަތާގެ އަޑުން ކިޔާފައިވާ ލަވަތަކަށް އެކްޓް ކުރާށެވެ. އެހިސާބުން އެ މަސައްކަތުގައި ލަތާ ވެގެން ދިޔައީ އެންމެ އަވަދިނެތި އުޅެންޖެހުނު އެންމެ މަގުބޫލު އެއް ފަންނާނަށެވެ. އެހިސާބުން ލަތާގެ އަޑުވެގެން ދިޔައީ އެންމެ މަޝްހޫރު އެކްޓްރެސްއިން އެންމެ ލިޕް ސިންކް ކުރަން ބޭނުންވާ އަޑަށެވެ.
ލަތާގެ މަގުބޫލުކަމާއެކު 1999 ވަނަ އަހަރު އޭނާއަށް ވަނީ އިންޑިއާގެ މަޖިލިސްކުރާގޭގެ މަތިގެއިން ގޮނޑިއަކަށް ނޮމިނޭޓުވެސް ވެފައެވެ. ނަމަވެސް އޭނާ އެ ހުށައެޅުން ގަބޫލުކޮށްފައެއް ނުވެއެވެ. 2001 ވަނަ އަހަރު އޭނާއަށް ވަނީ އިންޑިއާގެ އާންމު ރައްޔިތަކަށް ލިބޭ އެންމެ ޝަރަފުވެރި އެވޯޑުވެސް ލިބިފައެވެ. އެއީ ބާރަތު ރަތުނާ އެވޯޑެވެ.
ލަތާ ދުވަހަކުވެސް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އޭނާގެ ކޮއްކޮ އާޝާ ބޯސްލޭއަކީވެސް ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިއެކެވެ. އެދެބެއިންނަކީވެސް އަބަދުވެސް ގުޅިގެން އުޅުނު ދެބެއިންނެވެ. ދެބެއިން އެއްކޮށް ބައެއް ހުށައެޅުންތައްވެސް ހުށައަޅާދީފައިވެއެވެ. އާޝާ ބޯސްލޭ ބުނާ ގޮތުގައި ދެމީހުންގެ ދޭތެރޭގައި ދުވަހަކުވެސް ވާދަވެރިކަމެއް ނުވަތަ ރުޅިވެެރިކަމެއް ނޯވެއެވެ.
ލަތާ ކިޔާފައިވާ ބައެއް މަޝްހޫރު ލަވަތަކަށް ބަލާއިރު، "ހަމްކޯ ހަމީސޭ ޗުރާލޯ"، "ތުޖެ ދޭކާތޯޔެ ޖާނާ ސަނަމް"، "ލަގްޖާ ގަލޭ"، "ޒިންދަގީ ޕިޔާރްކާ ގީތުހޭ" "ތޭރޭ ބިނާ ޒިންދަގީސެ ކޯއީ" ފަދަ އެތައް ލަވައެއް ހިމެނެއެވެ. ލަތާގެ ލަވަތަކަކީ މުޅިންވެސް މަޝްހޫރު ލަވަތަކެވެ.
އުމުރުން 92 އަހަރުގެ ލަތާ ކޮވިޑް-19އަށް ޕޮޒިޓިވްވެ، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ކޮވިޑުން ފަސޭހަވެފައި ވީނަމަވެސް އޭނާ މަރުވިއިރު ގެންދިޔައީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވީއިރު، އޭނާ ވަނީ ނިއުމޯނިއާއަށްވެސް ފަރުވާކޮށްފައެވެ.
ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ލަތާ މަންގޭޝްކަރަށް ފަރުވާދިން ޑޮކްޓަރ، ޑރ. ޕްރެޓިޓް ސަމްދާނީ ވިދާޅުވިގޮތުގައި, ވެންޓިލޭޓަރުގައި ފަރުވާދޭން ފެށީ ލަތާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުންނެވެ. ޑޮކްޓަރުން ދިޔައީ އޭނާގެ ހާލަތު ގާތުން މޮނިޓަރ ކުރަމުންނެވެ. އޭނާ މަރުވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭރު އުމުރުން 92 އަހަރެވެ.