ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ އެދިވަޑައިގަތުމަށް މި މަހު ރާއްޖޭގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ބަންގްލަދޭޝްގެ ފިރިހެން ވޮލީބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހު މަޚްލޫފް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުގެ ރައީސް އަތީގުލް އިސްލާމާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގެ ތެރެއިން ރާއްޖޭގައި މި މަހު އެކުވެރިކަމުގެ ތިން މެޗު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ގައުމީ ވޮލީބޯޅަ ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މި މެޗުތަކުގައި ގައުމީ ޓީމަށް އިރުޝާދުދޭނީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުޅުނު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައިވެސް ރާއްޖޭގެ ޓީމަށް އިރުޝާދުދިން މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ.
މީގެ ކުރިން ސެންޓްރަލް ޒޯނުގައި ރާއްޖޭގެ ވޮލީ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ހަތަރު ފަހަރު ކުޅެފައިވާއިރު، އެ ހުރިހާ މެޗަކުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެހެންނަމަވެސް އެ ހުރިހާ މެޗެއްވެސް ނިމިފައިވަނީ ވާދަވެރިކޮށެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ވޮލީބޯޅަ ޓީމުން ތިން މެޗު ކުޅޭއިރު، މަޚްލޫފުގެ ދައުވަތަކަށް ލަންކާގެ ވޮލީބޯޅަ ޓީމު ވަނީ މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. އެ ގޮތުން އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އައިރު، ދެވަނަ ފަހަރަށް އައީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅުގައެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު އިންޑިއާ ލީގުގައި ކުޅޭ ހައިދަރުއާބާދު ސްޕައިކާސްވެސް ވަނީ ރާއްޖެ އައިސް، ގައުމީ ފިރިހެން ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފައެވެ.
ރާއްޖޭން ވަނީ މި އަހަރު ބާއްވާ ސެންޓްރަލް ޒޯނުގެ އަންހެން އަދި ފިިރިހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދާފައެވެ. ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ހޯދީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މިހާރު އޮތް ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ގެ ލީޑަޝިޕުގެ މަސައްކަތުންނެވެ.