ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 12:55
ހއ. ހޯރަފުށީގައި ސަވާދިއްތަ ދަތުރު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު މިވެގެން ދިޔައީ އެރަށު ރައްޔިތުންގެ މެހެންމާދާރީ އަނެއްކާވެސް ދައްކުވައިދިން ފުރިހަމަ ރަސްމިއްޔާތަކަށް
ހއ. ހޯރަފުށީގައި ސަވާދިއްތަ ދަތުރު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު މިވެގެން ދިޔައީ އެރަށު ރައްޔިތުންގެ މެހެންމާދާރީ އަނެއްކާވެސް ދައްކުވައިދިން ފުރިހަމަ ރަސްމިއްޔާތަކަށް
ރާއްޖެއެމްވީ
ހއ ހޯރަފުށީގެ މެހެމާންދާރީ
ހޯރަފުށީގެ ފުރިހަމަ މެހެމާންދާރީ މިފަހަރު ފެނުނީ ސަވާދިއްތަ ދަތުރުން
ރަށު ސްކޫލުން ވަނީ ވެކްލަމް ޑްރިންކެއްގެ ގޮތުން "ކަނދި" މެހެމާނުންނަށް އަރުވާފައި
ފަތުރުވެރިންނަށް ރާއްޖޭގެ ރިވެތި އާދަކާދައާއި ސަޤާފަތުގެ މުއްސަނދިކަންވެސް ދައްކުވައިދިން
ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ރަށުގެ ރައްޔިތުން ފެންނަނީ އެއް ބައެއްގެ ގޮތުގައި

ހއ. ހޯރަފުއްޓަކީ މެހެމާންދާރީގެ ނަމޫނާ ރަށެކެވެ. ކޮންމެ ކަމެއް އެ ރަށުގައި ކުރިއަށް ގެންދިޔަސް ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އެ ރަށަށް އަންނަ ކުރިއެރުމާއި ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ރައްޔިތުން އެކަތި ގަނޑަކަށްވެ އަބަދުވަސް މަސައްކަތް ކުރާތަން ފެނިގެންދެއެވެ. ކުދިބޮޑު އެންމެން ޝާމިލުވެ، ދައްކުވައިދޭ ނަމޫނާ މެހެމާންދާރީގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. މިފަހަރު ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެފަދަ ނަމޫނާއެކެވެ.

ހޮނިހިރު ދުވަހު ހއ. ހޯރަފުށީގައި ސަވާދިއްތަ ދަތުރު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު މިވެގެން ދިޔައީ އެ ރަށު ރައްޔިތުންގެ މެހެންމާދާރީ އަނެއްކާވެސް ދައްކުވައިދިން ފުރިހަމަ ރަސްމިއްޔާތަކަށެވެ. މި ރަސްމިއްޔާތުގައިވެސް ވަނީ ދިވެހިވަންތަ ސްޓައިލަށް ދިވެހިންގެ ސަގާފީ މަސައްކަތްތަކާއި، އާދަކާދަތައް ދައްކުވައިދޭ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ފެށުމާއެކު މެެހެންމާނުންނަށް ތަފާތު ގޮތަކަށް މަރުހަބާ ކިޔާފައިވާ ހަރަކާތްތަކުގެ ކުރިން ސަޤާފީ ކުޅިވަރުތަކާއި ނެށުންތައް ވަނީ ދައްކުވައިދީފައެވެ. އަދި އެ ރަށު ސްކޫލުން ވަނީ ވެކްލަމް ޑްރިންކެއްގެ ގޮތުން "ކަނދި" މެހެމާނުންނަށް އަރުވާފައެވެ. އޮށްވަޅު ގޮނޑިއާ މާފަތި، ބަޑިޔާ، އަދި ފައިގަތަޅާ ފަދަ ކުޅިވަރުތައް ދައްކުވައިދީ ދިވެހި އުފެއްދުންތަކުގެ ރަހަ މެހެމާނުންނަށް ވަނީ ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން، ހޯރަފުށިން ދިން މެހެމާންދާރީ ވެގެން ދިޔައީ އެ މުޅި ޙަރަކާތްތަކަށް ލޯ ހުއްޓިފައި ތިބި ފަތުރުވެރިންނަށް ރާއްޖޭގެ ރިވެތި އާދަކާދައާއި ސަޤާފަތުގެ މުއްސަނދިކަންވެސް ދައްކުވައިދިން ކަމެއްގެ ގޮތުގައެވެ.

ހޯރަފުށީގެ މެހެމާންދާރީ މީގެ ކުރިންވެސް އެކި މުނާސަބުތަކާއި ގުޅިގެން ފެނިގެން ގޮސްފައިވެއެވެ. 8 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ހޯރަފުއްޓަށް ވަޑައިގެންނެވި ދުވަހަކީވެސް އޭގެ ތެރެއިން ފާހަގަކޮށްލެވޭ ދުވަހެކެވެ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައިވެސް ހޯރަފުށީގެ ސްޓައިލްއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރައްޔިތުންގެ ނުހަނު ޖޯޝާއި ފޯރި އެ ދުވަހުވެސް ފެނިގެން ދިޔައެވެ. އޭރު ރައީސް ސޯލިޙު ބަނދަރު ސަރަޙައްދަށް ވަޑައިގެންނެވުމުންވެސް ހޯރަފުށީ ރައްޔިތުންގެ ފަރާތުން ވަނީ ޚާއްސަ "ސަޤާފީ ސްޓައިލެއްގައި" ރައީސަށް ހޫނު މަރުޙަބާއެއް ދަންނަވާފަވެއެވެ.

ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާއެއް ކިޔާފައިވޭ - އިބްރާހިމް ނިޔާޒް، ހޯރަފުށި

އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ރަށުގެ ރައްޔިތުން އެއް ބައެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު އުޅޭ އުޅުމެވެ.

ރައީސް ސޯލިހު ހޯރަފުއްޓަށް ވަޑައިގަތުން - ޝުއައިބް މުހައްމަދު އިގްބާލް

ހޯރަފުށީގެ ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެން ދިޔަ އަނެއް ކަމަކީ ހއ ހޯރަފުށީ އެއާޕޯޓު އެޅުމަށް ރަންވޭގައި ތާރު އެޅުމުން ރައްޔިތުން އެކުއެކީގައިހެން ފަރިވަޅު ކެއްކުމާއި އުފާ ފާޅު ކުރުމުގައި ބައިވެރިވެ އުޅުނު އުޅުމެވެ. އޭރު ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންވެސް ތާރު އެޅުމުގެ މަޝްރޫއު ފެށުން ފާހަގަ ކުރުމަށް ފަރިވަޅާއި، ކެއުންތަކާއި، ޖާފަތްތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނެވެ. އެދުވަހުވެސް މުޅި ރަށު ތެރެއިންވެސް މިކަމުގައި ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި، އުފާވެރިކަމެވެ.

ހޯރަފުށި އެއަރޕޯޓުގައި ތާރު އެޅުމުން ރައްޔިތުން ނުކުމެ އެތަން ސާފު ކުރަނީ - އިބްރާހިމް ނިޔާޒް، ހޯރަފުށި

ހޯރަފުށީ ރައްޔިތުންގެ މެހެމާންދާރީއާއި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ގެންގުޅޭ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ ހަމަ ގައިމުވެސް ނަމޫނާއެކެވެ. ސަވާދީއްތަ ދަތުރު ފެށުމުގެ ރަސްމިއްޔާތުން ފެނިގެން މި ދިޔައީ އޭގެ ކުޑަ މިންވަރެކެވެ. އެ މެހެމާންދާރީގެ ފުރިހަމަކަން ހަނދާނުގައި ހުންނާނެކަމަށް ސަވާދީއްތަ ދަތުރު ފެށުމުގެ ރަސްމިއްޔާތުގެ ބައިވެރިންވެސް ބުނެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފުކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރުކުރުމަށެވެ. ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސްއެވެ. މި ހަރަކާތް ނިންމުމުގެ ގޮތުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓް އޮންނާނީ އެތަނުގައިއެވެ.

މި ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްދުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު"ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާ ގުޅުވައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް