ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 04:26
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
މަޖިލިސް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން
މި އިންތިޚާބުން ދައްކުވައިދެނީ ރައީސް ޞާލިޙްގެ އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފިކަން: މެންބަރު ހުސައިން
މިއީ އެމްޑީޕީ އަދި ސަރުކާރު ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބީއެއް

މި އިންތިޚާބުން ދައްކުވައިދެނީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފައިވާ މިންވަރު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ކާމިޔާބު ކުރެއްވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ، އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އެމްޑީޕީ އާއި ރައީސް ޞާލިޙުގެ ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބީއިން ދައްކުވައިދެނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައިވެސް ރައީސް ޞާލިޙް ގެންގުޅުއްވި އިގްތިސާދީ އަދި ލާމަރުކަޒު ކުރުމުގެ ސިޔާސަތު ދިވެހީން ބަލައިގެންފައިވާ މިންވަރު ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

އަނދުން ހުސައިން އިތުރަށް ވިދާޅުވީ މި ބައި އިލެކްޝަނުން ދިވެހީން އެދޭ ގޮތް ސާފުވެގެން ގޮސްފި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ވަނީ 1398 ވޯޓު ލިބިވަޑައިގެންފައެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1160 ވޯޓެވެ. އެމްއެންޕީ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސަށް ލިބިވަޑައިގަތީ 324 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބާއްވާފައިމިވަނީ އެދާއިރާގެ މެމްބަަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ފުރުއްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ހުސައިން ވަހީދުގެ ކުރިން އެ ދާއިރާގެ މެމްބަރަކަށް ހުންނެވީ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)އެވެ.

- ކޮމެންޓް