Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2022 | ހޮނިހިރު 23:44
އިންތިޚާބު ކާމިޔާބުވުމާއެކު ސަޕޯޓަރުންނާއެކު ރާޝިދު އުފާފާޅުކުރައްވަނީ
އިންތިޚާބު ކާމިޔާބުވުމާއެކު ސަޕޯޓަރުންނާއެކު ރާޝިދު އުފާފާޅުކުރައްވަނީ
އެމްޑީޕީ
ކޮމަންޑޫ ދާއިރާ ރާޝިދު ކާމިޔާބުކުރުން
އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ގަބޫލެއް ނުކުރަން، ދާއިރާއަށް ރައީސް ވަޑައިގަތުމަކީ ނުފޫޒު ފޯރުވުމެއް ނޫން: ރާޝިދު
އިންތިޚާބުގެ ކެމްޕެއިނަށް ޕާޓީގެ އިސްލީޑަރުން ވަޑައިގަންނަވާނެ، ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ ދާއިރާއަށް ވަޑައިގަތުމަކީ ނުފޫޒު ފޯރުވުންކަމަށް ގަބޫލެއްނުކުރަން
މިސަރުކާރުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގައިވެސް ތަރައްގީގެ މަޝްރޫއުތައް، ފާއިތުވި ތިން އަހަރުވެސް ހިންގަމުންގެންދޭ
މަސައްކަތްކުރާނީ ރައްޔިތުންނާއެކު، ހުސައިންގެ ވިސްނުންފުޅާއެކު ދާއިރާއަށް ތަރައްގީ ގެނައުމަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ގަބޫލުނުކުރައްވާކަމަށް އެއިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބާއެކު "ރާއްޖެއެމްވީ"އާ ވާހަކަދައްކަވަމުން ރާޝިދު ވިދާޅުވީ, ހޯއްދެވުނު ކާމިޔާބީއާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށެވެ. އަދި މިއީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ހުރިހާ ބޭފުޅުންނާއި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށް ރާޝިދު ވިދާޅުވިއެވެ. ރާޝިދު ވިދާޅުވީ އިންތިޚާބުން ނުކުތް ނަތީޖާއަކީ ކުރިންވެސް އަންދާޒާކޮށްފައިވާ، އަދި ހިސާބު ޖަހާފައިވާގޮތަށް ނިކުމެފައިވާ ނަތީޖާއެއްކަމަށެވެ.

އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރާޝިދު ވިދާޅުވީ, އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އިންތިޚާބުގެ ކެމްޕެއިނަށް ޕާޓީގެ އިސްލީޑަރުން ވަޑައިގަންނަވާނެކަމަށާއި ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ ދާއިރާއަށް ވަޑައިގަތުމަކީ ނުފޫޒު ފޯރުވުންކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ކޮމަންޑޫ ދާއިރާގައި ސަރުކާރުން މަޝްރޫއުތައް ހިންގާކަމުގެ ވާހަކަތަކަށް ރައްދުދެއްވަމުން ރާޝިދު ވިދާޅުވީ, މިސަރުކާރުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގައިވެސް މަޝްރޫއުތައް ފާއިތުވި ތިން އަހަރުވެސް ހިންގަމުންދާކަމަށެވެ.

ދާއިރާގެ ތިން ރަށުގައިވެސް ބަނދަރު ހެދުމާއި، ކަރަންޓާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް, ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ, އޭގެތެރެއިން ބައެއް މަޝްރޫއުތައް މިހާރު ހުރީ ނިމިފައިކަމަށެވެ. އިންތިޚާބު ދުވަސްވަރާ ދިމާކޮށް މަޝްރޫއުތަކެއް އިއުލާން ނުކުރާކަމަށާއި މަޝްރޫއުތައް ހިނގަމުންދާ ތަރުތީބުން މިދުވަސްވަރާ ދިމާވީ ކަމަށެވެ.

"އެކަންކަމަކީ ކުރިންވެސް ޕްލޭންކުރެވިފައި ހުރި ކަންކަން. މަޝްރޫއުތައް ހިނގަމުންދާ ތަރުތީބުން މިދުވަސްވަރާ ދިމާވެފައިވަނީ. އެއީ އިންތިޚާބާ ދިމާކޮށް ކުރި ކަންތައްތަކެއްކަމަށް ގަބޫލެއް ނުކުރަން." ރާޝިދު ވިދާޅުވިއެވެ.

Advertisement

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުވެވަޑައިގަތުމުން, މަސައްކަތްކުރައްވާނީ ރައްޔިތުންނާއެކު ކަމަށް ރާޝިދު ވިދާޅުވިއެވެ.

"ދާއިރާގެ ރައްޔިތުންގެ ވިސްނުމާއެކު ސަރުކާރުން ބޭނުންވާ އެޖެންޑާ 19ގައި ހުރި ކަންކަން ހާސިލުކުރުމަށް އިޚްލާސްތެރިކަމާއެކު ސަރުކާރާއެކު މަސައްކަތްކުރަމުންދާނީ." ރާޝިދު ވިދާޅުވިއެވެ.

މީގެއިތުރުން ކޮމަންޑޫ ދާއިރާގައި ކުރިން ހުންނެވި މަރުހޫމް ހުސައިން ވަހީދުގެ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެކަމަށް ރާޝިދު ވިދާޅުވިއެވެ. އެންމެ ފަހުވަގުތުވެސް ހުސައިން އިރުޝާދު ދެއްވީ ހިތްވަރާއެކު މަސައްކަތްކުރުމަށް ކަމަށާއި ހުސައިންގެ ވިސްނުންފުޅާ އެއްގޮތަށް ދާއިރާއަށް ތަރައްގީ ގެނައުމުގައި މަސައްކަތްކުރެއްވުމުގައި ދެމި ހުންނަވާނެކަމަށް ރާޝިދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާޝިދަށް ވަނީ 1401 ވޯޓު ލިބިވަޑައިގެންފައެވެ. ރާޝިދާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް