މީގެ ކުރިން ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމް ހޮޓްސްޕާއިން ގޯސްތަކެއް ހަދާފައި އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ޓޮޓެންހަމުގެ ކޯޗަކަށް ކޮންޓޭ ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، މީގެ ކުރިން އެ މަގާމުގައި ހުރި ޕޯޗުގަލުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރުމަށްފަހުއެވެ. ކޮންޓޭ ވަނީ ޓޮޓެންހަމާއެކު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުން ޓޮޓެންހަމުން ބޭނުންނަމަ ކޮންޓޭ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ.
މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ކޮންޓޭ ބޭނުންވާ ކުޅުންތެރިންތަކެއް ހޯދަން މަސައްކަތްކުރިއިރު، އޭގެ ތެރޭގައި ޕޯޓޯ ދޫކޮށް ލިވަޕޫލަށް ބަދަލުވި ލުއިސް ޑިއާޒް އާއި، ފިއޮރެންޓީނާ ދޫކޮށް ޔުވެންޓަސްއާ ގުޅުނު ޑޫސަން ވްލާހޮވިޗް އަދި ވުލްވްސް ދޫކޮށް ބާސެލޯނާއަށް ބަދަލުވި އެޑަމާ ޓްރައޯރޭ ހިމެނެއެވެ. އޭގެ ބަދަލުގައި ޓޮޓެންހަމުން މި ޓްރާންސްފާގައި ގެނައި ދެ ކުޅުންތެރިންނަކީ ޔުވެންޓަސްއަށް ކުޅެމުން އައި ސްވިޑެންގެ ފޯވާޑް ޑެޖާން ކުލުސެވްސްކީ އާއި، ހަމަ އެ ޓީމަށް ކުޅެމުން އައި އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަކޫރެވެ.
ކޮންޓޭ ފާހަގަވެފައިވަނީ އޭނާ ހަވާލުވާ ކޮންމެ ޓީމަކަށްވެސް ގިނަ ޝަރުތުތަކެއް ކުރާ ކޯޗެއްގެ ގޮތުގައެވެ. ޓޮޓެންހަމާ އޭނާ ހަވާލުވީވެސް އޭނާ ބޭނުންވާ ކުޅުންތެރިން ގަތުމަށް އެ ކުލަބުން ފަންޑް ދޭނެކަމުގެ ޔަގީންކަން ދިނުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެ ޝަރުތާ ގާތަށްވެސް ޓޮޓެންހަމަށް ކުޅުންތެރިން ހޯދިފައިނުވާއިރު، ދާދި ފަހުން އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީވެސް ވަނީ އެ ޓީމަށް ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފައެވެ.
އެއާއެކު މިދިޔަ ޓްރާންސްފާ ބާޒާރުގައި ކޮންޓޭ ބޭނުންވި އެއްވެސް ކުޅުންތެރިއަކު ޓޮޓެންހަމަށް ނުލިބުމާއެކު، އޭނާ ޓޮޓެންހަމް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ކޮންޓޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓޭ ބުނީ ޓޮޓެންހަމުން މިހާރު ކުރަމުން އަންނަނީ ޓީމެއް އެކުލަވާލުމުގެ މަަސައްކަތްކަމަށާއި، އެކަމަކު މީގެ ކުރިން ޓްރާންސްފާ ބާޒާރުގައި ގޯސްތަކެއް ހެދިފައި އެބަހުރި ކަމަށެވެ.
އެގޮތުން ޓްރާންސްފާ ބާޒާރުގެ ބޭނުން ހިފަނީ ޓީމު ވަރުގަދަކުރުމަށް ކުޅުންތެރިން ގެންނަން ކަމަށާއި، އެކަމަކު މީގެ ދެ އަހަރު ނޫނީ ތިން އަހަރު ތެރޭ ގެނެސްފައި ހުރި ކުޅުންތެރިންތަކެއް ލޯނަށް ދޫކޮށްލަން ޖެހުމުން، އެންމެ ރަނގަޅު ޓީމެއް ބައްޓަން ކުރެވިފައި ނެތްކަން އިނގޭ ކަމަށްވެސް ވަނީ ކޮންޓޭ ވަނީ ބުނެފައެވެ.
މި ފަހަރުގެ ޓްރާންސްފާގައި ކޮންޓޭ ބޭނުންވި އެއްވެސް ކުޅުންތެރިއަކު ޓޮޓެންހަމަށް ލިބިފައި ނުވާއިރު، އެ ޓީމުން ލޯނު އެއްބަސްވުމެއްގެ ދަށުން ވަނީ އިންގްލެންޑުގެ މިޑްފީލްޑަރު ޑެލޭ އަލީ އެވަޓަނަށް ވިއްކާލައި، އެ ޓީމުގެ ޓަންގީ އެންޑޮމްބެލޭ އާއި، ޖިއޮވާނީ ލޮ ސެލްސޯ އާއި، ބްރަޔާން ހިލް ދޫކޮށްލާފައެވެ. އެ ތިން ކުޅުންތެރިންނަކީވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި ޓޮޓެންހަމުން ގެނައި ކުޅުންތެރިންނެވެ.